އިތުބާރު ނެތް ކަމުގެ ވޯޓުތަކާ ގުޅިގެން ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު ހުކުމުގައި، މަޖިލީހުގެ ރައީސްގެ ވޯޓުގައި ގޮތެއް ކަނޑައަޅާނީ އެ ކޯޓުން ކަމަށް ބުނެފައި ނުވިއަސް މިހާރު ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ޕީޕީއެމާ ގުޅިވަޑައިގަތުމަށް އެ ޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ވޯޓުގެ އަދަދު ހަމަވެ މަސީހުގެ އިތުބާރު ނެތް ކަަމަށް މަޖިލީހަށް ފާސްކުރެވިދާނެ ކަމަށެވެ.
އެހެންވެ މަސީހުގެ އިތުބާރު ނެތްތޯ ނިންމުމުގެ ބާރު އޮތީ ސުޕްރީމް ކޯޓުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަސީހުގެ މަގާމު ގެއްލުވާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން އުސޫލްތަކުގެ ބޭރުން، ގާނޫނާ ޚިލާފަށް މަސީހު ކަންކަން ކުރައްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"..މީހެއްގެ ގޮނޑި ހަގީގަތުގައި ވެސް ހުސްވެއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށް. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވެސް، ވޯޓުން އިތުބާރު ނެތް ކަމަށް ދެއްކި ނަމަވެސް އެ މައްސަލަ ނިންމާފައި އޮތީ ސައްހަކޮށް، ރަނގަޅުކޮށް، އަދުލުވެރިކޮށްތޯ ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓުގައި އޮތީމަޔާ އެކު، މިހާރުގެ އޭގެ ޑިސްކަޝަން އެ އޮތީ ސުޕްރީމް ކޯޓުގައި އެކްސަސައިޒްކުރައްވައި ހުކުމެއް ނެރުއްވާފައި،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ރައީސް ގާނޫނާ ޚިލާފު ކަމެއް ކުރައްވާފައެއް ނެތް. އެހެންވެއްޖެ ކަމަށް ވަންޏާ މި ދެންނެވި ގޮތަށް އެ އަމުރުގެ ދަށުން އިންސާފުވެރިކަމާ އެކު އެ ހުކުމް އަންނައިރު އަދި ވޯޓު ހަމަވެދާނެ ކަމަށް ވި ނަމަވެސް މަޖިލީސްގެ ރައީސް މަގާމުން ދުރުކުރާ ވަރުގެ ކަމެއް ކުރައްވާފައި އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."
ރައީސް ޔާމީން ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، މޫސާ މަނިކު އަރިހުގައި: ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުންގެ ގޮނޑި ގެއްލެން ޖެހޭ ކަަމަށް ރައީސް ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މަސީހުގެ ވޯޓަށް ފަހު އެމަނިކުފާނު އަޒުލުކުރަން މަޖިލީހުން ފާސްކުރިއަސް އެކަމާ މެދު ވެސް ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ވިދާޅުވި އެވެ. މިއީ، ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރުގައި ވެސް އޮންނަ ގޮތެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި މަސީހުގެ ވޯޓާ ގުޅިގެން ޕީޕީއެމްގެ މެމްބަރުންތަކެއް ޕާޓީ ދޫކުރައްވައި ވަޑައިގަތީ މަގްބޫލު އެއްވެސް ސަބަބެއް ނުދައްކަވަ އެވެ. ޕީޕީއެމްގެ މެނިފެސްޓޯ އާއި ފިކުރު ވިއްކައި ގޮނޑި އަށް ހޮވިވަޑައިގަތް ބަޔަކު ޕާޓީ ދޫކޮށް ވަޑައިގަތުމަކީ އެ މެމްބަރުންނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެ ހާލަތުގައި، އެންމެ ރަނގަޅު ގޮތަކީ އަދި ރައްޔިތުން އެދޭނެ ގޮތަކީ ވެސް ގޮނޑި ދޫކުރެއްވުން ކަަމަށް ވިދާޅުވި އެވެ.
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލެން ޖެހޭ ކަމަށް ރައީސް ވާހަކަފުޅު ދެއްކެވިއިރު، ރީކޯ މޫސާ މަނިކަކީ އެމްޑީޕީގެ ޓިކެޓުގައި ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ.
ރައީސް ވިދާޅުވީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލެން ޖެހޭނެތޯ ސުޕްރީމް ކޯޓުން ކަނޑައެޅުމުން ކޯޓުން ނިންމާ ގޮތަކާ އެއްގޮތަށް ދައުލަތުން އަމަލުކުރާނެ ކަމަށެވެ.
ދެހާސްތޭރައިގެ ރިޔާސީ އިންތިހާބުގައި ކުރިމަތިވި މައްސަލަ ހައްލުކޮށްދިނީ ވެސް ސުޕްރީމް ކޯޓުން ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ފަހަރު އެ އަމުރު ނެރުނީ ވަކި ބަޔަކަށް ނޫން ކަމަށާއި އޭގެ ސަބަބުން ފައިދާވީ ހުރިހާ ޕާޓީތަކަށް ކަމަށެވެ. އިންސާފުވެރިކަމާ އެކު އިންތިހާބު ބޭއްވުނީ ސުޕްރީމް ކޯޓުގެ އެ އަމުރާ ހެދި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓަށް މިހާރު ވައްދާފައި އޮތް މައްސަލާގައި ވެސް މެމްބަރުން މެމްބަރުން ހޮވުނު ޕްލެޓްފޯމު ދޫކޮށްލާފައި އެހެން ޕްލެޓްފޯމަކާ ގުޅުނީމަ މެމްބަރުންގެ ގޮނޑިއަށް ވާނީ ކިހިނެއްތޯ ސުވާލު އުފައްދައި ވެއްދި މައްސަލައަކީ ދިވެހި ދައުލަތުން އަދި ރައްޔިތުންގެ މަޖިލީހުން މިހާ އުނދަގޫ ދަނޑިވަޅެއްގައި އޭގެ ހުކުމްތަކެއް ސުޕްރީމް ކޯޓުން ނޫން ތަނަކުން ނެރެވޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭތީ ހުށަހެޅި މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައި 10 މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. މެމްބަރުންގެ ގޮނޑިއާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމާ އެކު އެ މެމްބަރުން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.
މަސީހު ވަކިކުރިޔަސް ފަހު ގޮތް ނިންމާނީ ސުޕްރީމް ކޯޓުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ