ހެރަތެރައިން މުވައްޒަފުން މަދު ކުރުމުގެ މައްސަލަ: މުވައްޒަފުން މަދުކުރަމުން މިދަނީ މަޖުބޫރުވެގެން: ޔޮޓް ޓުއާސް

ޔޮޓް ޓުއާސް ހިންގަމުން އަންނަ ހަނދުފުށި (ހެރަތެރަ) ރިސޯޓުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާތަކުން ވަކިކޮށް މުވައްޒަފުން މަދުކުރަން ޖެހުނީ އެކަން އެގޮތަށް ކުރަން މަޖުބޫރުވެގެން ކަމަށް ޔޮޓް ޓުއާސް އިން ބުނެފި އެވެ.
ނިމިގެންދާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ގއ. އަތޮޅުގެ މެންބަރުންކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ޖާބިރުގެ ކުންފުނި ޔޮޓް ޓުއާސް މުވައްޒަފުން މަދުކުރުމުގެ މަސައްކަތް މިމަހުގެ ކުރީކޮޅުން ފެށިގެން އަންނަނީ ކުރަމުންނެވެ. އެގޮތުން ފައްސަތޭކައެއްހާ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދިޔަ ރިސޯޓުން މިހާތަނަށް 100 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވަކިކޮށް ފޮނުވާލައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މިކަމާ ގުޅިގެން މެނޭޖްމަންޓާއި މުވައްޒަފުންނާ ދޭތެރޭ ދަނީ ހިތްހަމަނުޖެހުންތަކެއް ވެސް އުފެދެމުންނެވެ. ރިސޯޓުގެ ވަޒީފާތަކުން މުވައްޒަފުން ވަކިކުރަމުން ދާތީ މިއަދު ވެސް ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި ހަޅުތާލު ކުރަމުން ދާ ކަމަށް އެ ރިސޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ. އަދި އެކަން އެ މީހުން ކުރަމުން އަންނަނީ ވަރަށް ސުލްހަވެރިކަމާ އެކު އަދި މިހާރު ރިސޯޓުގައި ތިބި 50 ވަރަކަށް ޓޫރިސްޓުންނަށް ވެސް ހިދުމަތް ދިނުމުގައި ދަތި ނުވާ ގޮތަށް ކަމަށް މުވައްޒަފުން ބުންޏެވެ.
"އަޅުގަނޑުމެންނާ މިތަނުގެ ޖެނެރަލް މެނޭޖަރާއި ހިއުމަން ރިސޯސް މެނޭޖަރު ވެސް ބައްދަލު ކުރި. އެބޭފުޅުން ވިދާޅުވީ ރިސޯޓުގެ ހާލަތު މިވަގުތު ހުރި ގޮތުން މުވައްޒަފުން މަދު ކުރަން ޖެހިފައިވާ ކަމަށް،" އެ ރަށުން ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ. "އެކަމަކު ކުއްލިއަކަށް ނޫންކަންނޭނގޭ އެކަން ކުރަން ޖެހޭނީ. އަޅުގަނޑުމެންނަށް ކުރިން އެންގުމަކާ ވެސް ނުލައި ގެންގޮސް ވަޒީފާ އިން ވަކިކޮށް ފޮނުވާލަނީ. އެގޮތަށް އެކަން ކުރާ އިރު އަޅުގަނޑުމެންގެ ހާލަތަށް ވެސް އެމީހުން ވެސް ވިސްނަން ޖެހޭނެ."
ހަވީރަށް އެނގިފައިވާ ގޮތުގައި މުވައްޒަފުން މަދުކުރުމުގެ ކަންތައްތައް މިހާރު ކުރިއަށް ގެންދަނީ މުވައްޒަފުންނަށް 15 ދުވަހުގެ މުސާރަ ވެސް ދީފަ އެވެ. އެކަން ބައެއް މުވައްޒަފުން ވެސް ޔަގީންކޮށް ދީފައިވެ އެވެ.
ޔޮޓް ޓޫއާސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ މުވައްޒަފުންނާ ދޭތެރޭ މިފަދަ ގޮތަކަށް އެކުންފުނިން އަމަލު ކުރަމުން އަންނަނީ ބޭނުންވެގެން ނޫން ކަމަށާއި އެމްޓީޑީސީގެ ސަބަބުން އެކަން އެގޮތަށް ކުރަން މަޖުބޫރުވީ ކަމަށެވެ.
"އެމީހުންގެ ސަބަބުން އަޅުގަނޑުމެންގެ އޮޕަރޭޝަންސްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ. އެންމެ ބޮޑަށް ދިމާވި މައްސަލައަކީ އެމީހުން ހަވާލުވި ޗެނަލް [ކޯރުގެ ކެނޑުމުގެ މައްސަލަ] ގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަށް ނުގެންދެވިގެން އަޅުގަނޑުމެންނާ އެކު އެގްރިމަންޓް ހަދައިފައި ހުރި ޓުއާ އޮޕަރޭޓަރުންގެ އޮޕަރޭޝަންސްތައް ހުއްޓާލުން،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ މި ހުރިހާ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ އެމްޓީޑީސީ އިން. މިވަރުގެ ގެއްލުމަކާ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހުނީ އެމީހުންގެ ސަބަބުން. އެހެންވީމާ މުވައްޒަފުންނަށް ވެސް އެކަން އެނގެން ޖެހޭނެ. އަޅުގަނޑުމެންނާ ދޭތެރޭގައެއް ނޫން ހިތްހަމަނުޖެހެންވީ."
ޔޮޓް ޓުއާސް އިން ހަނދުފުށި ރިސޯޓް ބަންދުކުރަން އުޅޭ ކަމަށް އަތޮޅު ތެރޭގައި ވަރަށް ބޮޑަށް ވާހަކަ ދެކެވެމުން އަންނާތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އަހުމަދު ވިދާޅުވީ "އެއީ އެއްގޮތަކަށް ވެސް ހަގީގަތެއް ނޫން" ކަމަށެވެ.
"އަޅުގަނޑުމެން ހިޔާލުކޮށްފައެއް ނެތް މިތަން ބަންދުކުރާކަށް. އެ ގޮތަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އަހުމަދު އިތުރަށް ވިދާޅުވީ މުވައްޒަފުން މަދުކޮށްގެން ވެސް މިހާރު އޮތް ހާލަތުގައި ރިސޯޓް ހިންގޭތޯ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މުވައވްޒަފުން ވަކި ކުރުމުގެ ކަންތައް ކުރިއަށް ދަނީ ގަވައިދުތަކާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ