2018 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ވިދާޅުވީ 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި ކެންޕޭން ފަށައިފިކަމަށް ބުނެ އެމަނިކުފާނުގެ ނަމުގައި ފޭސްބުކް ޕޭޖެއް މިހާރު ހިނގަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ އެމަނިކުފާނާ އެއްވެސް ގުޅުމެއް ހުރި ޕޭޖެއް ނޫންކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ 2018ގެ އިންތިޚާބުގައި ވާދަނުކުރާނެ ކަމާއި އެމަނިކުފާނު ތާއީދު ކުރާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކަމަށެވެ. މިނިސްޓަރ މީގެކުރިން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް މަގުމައްޗަށް ނުކުތަސް ރައީސް ޔާމީންގެ ވެރިކަން ވައްޓައިނުލެވޭނެ ކަމަށާއި މި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ.
ވަގުތަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރަކު ވިދާޅުވީ އުމަރުގެ ނަންފުޅުގައި އެފަދަ ފޭސްބުކު ޕޭޖެއް ހިންގަނީ ރައީސް ޔާމީނާއި އެމަނިކުފާނާ ދެމެދު މައްސަލަ ޖެއްސުމަށްޓަކައި ކަމަށެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި އުމަރު އަބަދުވެސް ހުންނަވާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކަމަށް ވެސް ޕީޕީއެމްގެ ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
"ރައީސް ޔާމީނާއި މިނިސްޓަރު އުމަރާ ދެމެދު މައްސަލަޖެއްސުމަށްޓަކައި ބަޔަކު އެ ކުރާ މަސައްކަތް މާތްﷲ އިރާދަކުރެއްވިއްޔާ ކާމިޔާބެއް ނުވާނެ. އަބަދުވެސް މިނިސްޓަރު އުމަރު ހުންނަވާނީ ރައީސް ޔާމީނާ އެކު. އަދި ރައީސް ޔާމީން 2018 ކާމިޔާބު ވެސް ކުރާނެ،" ޕީޕީއެމްގެ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
2018 ގެ އިންތިހާބުގައި ވާދައެއް ނުކުރާނަން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ