އަބްދުﷲ ގާޒީ މައްސަލައިގައި ޖޭއެސްސީގެ މެންބަރުން ކޮމެޓީއަށް ހާޒިރު ކުރަން ނިންމައިފި

ސްލޫކީ މިންގަޑާ ހިލާފުވެފައިވާ ކަމަށް ބުނާ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅާފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ޖޭއެސްސީ ހާޒިރު ކުރުމަށް ނިންމައިފި އެވެ.
އެމްޑީޕީގެ ތިން މެންބަރަކު ސޮއިކޮށް ކޮމެޓީއަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގައި އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް، ހިއުމަން ރައިސްޓް ކޮމިޝަން (އެޗްއާރްސީއެމް) އާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ހާޒިރު ކުރުމަށް އެމްޑީޕީން އެއްބަސް ނުވުމުން ކޮމެޓީގައި ހިމެނޭ ޑީއާރްޕީގެ ތިން މެންބަރުންނާއި ޕީޕީއެމްގެ ދެ މެންބަރުން ވަނީ މިއަދުގެ ކޮމެޓީ ވޯކްއައުޓް ކުރައްވާފަ އެވެ. އެގާރަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީގެ ފަސް މެންބަރުން ކޮމެޓީ ދޫކުރައްވައި ވަޑައިގެންނެވުމުން ކޮމެޓީގައި ތިއްބެވި ހަ މެންބަރުން ތެރެއިން އެމްޑީޕީގެ ފަސް މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ޖޭއެސްސީ ކޮމެޓީއަށް ހާޒިރު ކުރުވުމަށް ފާސްކޮށްފަ އެވެ.
މިއަދު ކޮމެޓީން ނިންމި ގޮތުން ޖޭއެސްސީގެ ހުރިހާ މެންބަރުން ހާޒިރު ކުރާނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރަށް ކަމަށް ކޮމެޓީގެ މުގައްރިރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ކޮމެޓީއަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އިތުބާރާއި ޔަގީންކަން ގެއްލި ރައްޔިތުންނަށް އަދުލު އިންސާފް ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ހާލަތަށް އަދުލު އިންސާފުގެ ނިޒާމް ގޮސްފައިވާ ކަމަށެވެ. އަދި ޝަރުއީ ނިޒާމް އެގޮތަށް ބަދަލުވުމުގެ އަސްލުކަމަށްވާ އަބްދުﷲ އާމެދު އަދުލު އިންސާފުގެ މައްޗަށް ފާރަވެރިވާ ޖޭއެސްސީން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
ޖޭއެސްސީ 10 މެންބަރުން ކޮމެޓީއަށް ހާޒިރު ކުރުވުމަށް މިއަދު ނިންމިއިރު، މިދިޔަ ހޯމަ ދުވަހު ޑީއާރްޕީގެ ތިން މެންބަރަކު ސޮއިކޮށް ކޮމެޓީއަށް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އެޗްއާރްސީއެމް އާއި ޕީޖީ އާއި ޖޭއެސްސީ ކޮމެޓީއަށް ހާޒިރު ކުރުވުމަށެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވަނީ އެ މައްސަލަ ކޮމެޓީން ބޭރުކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ