ނައިބު ރައީސް ކަމުން މިއަދު ދުރުކުރި އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް ދައުވާކުރާނީ ރައިސުލްޖުމްހޫރިއްޔާ ދާދި ފަހުން ތަސްދީގު ކުރި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސްކަމުން އަދީބު ވަކިކުރުމާ ގުޅިގެން އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އަށް އުމަރު ވިދާޅުވީ 61 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކާއެކު އަދީބުގެ އިތުބާރު ނެތްކަން ފާސްވެފައިވާ ކަމަށާއި މިހާރު އަދީބު ވަނީ މަގާމުން ދުރުކުރެވިފައި ކަމަށެވެ. އަދި އަދީބު މައްޗަށް ދައުވާ އުފުލާނީ ޓެރަރިޒަމް މަނާކުރާ އާ ގާނޫނުގެ ދަށުން ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ނަސީރު މިފަދައިން ވިދާޅުވެފައިވީ ނަމަވެސް ގާނޫނު ބުނާގޮތުން އަދީބުގެ މައްޗަށް ޓެރަރިޒަމް މަނާކުރާ އާ ގާނޫނުގެ ދަށުން ދައުވާއެއް ނުއުފުލޭނެއެވެ. އެއީ އަދީބު ހައްޔަރުކޮށްފައިވަނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތުހުމަތުގައި ކަމަށްވެފައި އެ ހާދިސާ ހިނގާފައިވަނީ ޓެރަރިޒަމް މަނާކުރާ އާ ގާނޫނު ފާސްވުމުގެ ކުރިން ކަމަށްވާތީއެވެ.
ގާނޫނު އަސާސީ ބުނާގޮތުން ކުރިން ކޮށްފައިވާ އޮންނަ ކުށަކަށް ފަހުން ހެދޭ ގާނޫނުގައި ބުނާ އުސޫލުތަކެއް ނުހިނގާނެ އެވެ.
އަލަށް ތަސްދީގު ކުރި ޓެރަރިޒަމް މަނާކުރާ ގާނޫނުގައި ޓެރަރިޒަމްގެ އަމަލުތައް ކަމުގައި ބެލެވޭނެ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި މީހަކަށް އަނިޔާވެރިވުމުގެ ގޮތުން އޭނާގެ ފުރާނަ އަށް ނުވަތަ ހަށިގަނޑަށް ނުވަތަ ހިއްސަކަށް ގެއްލުން ދިނުން، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން މުދަަލަށް ބޮޑެތި ގެއްލުން ދިނުން، ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން ހިމެނެއެވެ.
އަދި ފުރާދުއްވާ އެއްޗެހި ހައިޖެކްކުރުން، އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ސިއްހީ ގޮތުން ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވުން، އާންމުންނަށް ނުވަތަ އާންމުންގެ ބަޔެއްގެ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތިކުރުވުން، މުހިންމު އުމްރާނީ ވަސީލަތްތަކަށް ގެއްލުން ދިނުން ނުވަތަ އާންމު ހިދުމަތްތައް މެދުކަނޑުވާލުމަކީ ޓެރަރިޒަމްގެ އަމަލުތައް ކަމުގައި ބެލެވޭނެ ކަންތައްތަކެވެ.
މި ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށަކަށްވާނީ ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުން،، އާންމުންނަށް ބިރުދެއްކުމަށް ނުވަތަ އާންމުންގެ ބަޔަކަށް ބިރުވެރިކަން އުފެއްދުން، ގާނޫނާ ޚިލާފަށް ސިޔާސީ، ދީނީ ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމުންނެވެ.
ޓެރަރިޒަމްގެ އަމަލެއް ހިންގި މީހެއްގެ އަދަބަކީ ބިލްގައިވާ ގޮތުން 20-25 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އަދި އެފަދަ އަމަލެއްގައި އެއްވެސް ގޮތަކުން ބައިވެރިވި މީހެއްގެ އަދަބަކީ 17-20 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ޓެރަރިޒަމްގެ އަމަލެއް ރޭވުމަކީ ކުށެއް ކަމަށް ބިލްގައި ބަޔާންކޮށްފައިވާއިރު، އެ މީހެއްގެ އަދަބަކީ 17-20 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.
އަދީބުގެ މައްޗަށް ދައުވާކުރާނީ އަލަށް ތަސްދީގުކުރި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ