މާލެ އިން ކަރަންޓް ކެނޑުނީ މައި ޖަނަރޭޓަރުތައް ފެއިލްވެގެން: ސްޓެލްކޯ

އިއްޔެ އާއި މިއަދުގެ މާލޭ އިން ކަރަންޓް ކެނޑުނީ ކަރަންޓް ދިނުމަށް ބޭނުންކުރާ މައި ޖަނަރޭޓަރުތައް ފެއިލްވެގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މިއަދުގެ މެންދުރު 1:30 އެހާކަންހާއިރު މުޅި މާލެއިން ކަރަންޓް ކެނޑުނީ ކަރަންޓް ދިނުމަށް ބޭނުންކުރާ މައި ތިން ޖަނަރޭޓަރުގައި ދިމާވި ޓެކްނިކަލް މައްސަލައެއްގައި އެ ޖަނަރޭޓަރުތައް ފެއިލްވެގެން ކަމަށެވެ. މިއަދު އަލުން ކަރަންޓް ލިބެން ފެށީ ހަވީރު 4:30 އެހާކަށް ހާއިރު އެވެ.
އިއްޔެ ވެސް ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓްކެނޑިފައިވެ އެވެ.
ސްޓެލްކޯ އިން ބުނީ މައި ޖަނަރޭޓަރުތައް ފެއިލް ވަނީ މިހާރު ފަށައިގެން ކުރިއަށް ގެންދާ އަޕްގްރޭޑިން މަސައްކަތުގައި ދިމާވާ ޓެކްނިކަލް މައްސަލަ އަކާ ގުޅިގެން ކަމަށާއި ދޭތެރެ ދޭތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކުން ނޫނީ މުޅި މާލެ އިން ވެސް ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިއަދާއި އިއްޔެ މާލެ އިން ކަރަންޓް ކެޑުނީ ސަރުކާރުގެ ރަސްމީ ގަޑީގައި ކަމަށްވުމުން އޮފީސްތަކުގެ މަސައްކަތްތަކަށް ބުރޫއަރައި އާންމުންނަށްދޭ ހިދުމަތްތައް ހުއްޓާލަންޖެހުނެވެ. އަދި ސްކޫލްތަކުގައި ކިޔަވައި ދިނުމާއި ސައި ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނުގެ ހިދުމަތްތަކަށް ވެސް ވަރަށް ބޮޑަށް ބުރޫއެރި އެވެ. އަދި ބައެއް ކަރަންޓް ސާމާނު ފަދަ ތަކެތި ހަލާކުވުމުގެ މައްސަލައާ ވެސް ބައެއް ފަރާތްތަކަށް ކުރިމަލާން ޖެހުނެވެ.
މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އަންނަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެ ކުންފުނިން މިހާރު ވެސް އަންނަނީ 8000 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ