ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ގާނޫނީ މައްސަލަތަކާއިމެދު ދައުލަތުގެ ބަންޑާރަ ނައިބް ބަސްބުނަންޖެހޭ ކަމަށާ ނަމަވެސް ބަންޑާރަ ނައިބް މިއަދު ހަނުހުންނަވާކަމީ ގާނޫނު އަސާސީ ނެގެހެއްޓުމަށް އޮތް ހުރަހެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ގާނޫނީ މައްސަލަތަކާއި ގުޅޭގޮތުން ދައުލަތުގެ ފަރާތުން އެންމެ ފަހުބަސް ބުނަންޖެހޭ ފަރާތްތަކީ ބަންޑާރަ ނައިބް ކަމަށެވެ. ނަމަވެސް މިއަދު ރާއްޖެއިން ފެނިގެންދަނީ އެ މަންޒަރު ނޫން ކަމަށާ ގާނޫނީ ގޮތުން ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ތަފާތު ސުވާލްތައް އުފައްދަމުންދާއިރު ބަންޑާރަ ނައިބް ހަނުހުންނަވާ ކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަންޑާރަ ނައިބްގެ މަގާމުގައި މިއަދު ހުންނެވީ ވަރަށް ގާބިލް ބޭފުޅެއް ކަމަށާ އެމަނިކުފާނަކީ ޚާއްސަ މަޖިލީހުގައި މިއަދު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ބަންޑާރަ ނައިބްގެ މަގާމުގެ މަސްއޫލިއްޔަތުތައް ބަޔާންވެފައިވާ ގޮތް ވަރަށް ސާފްކޮށް އެނގިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށެވެ.
ބަންޑާރަ ނައިބަށް ދެވިފައިވާ ބާރުތަކަކީ އެެއްވެސް ގޮތަކަށް ނިގުޅައިގަނެވޭނެ ބާރުތަކެއް ނޫންކަން ފާހަގަކުރައްވާ ސަަމީރު ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ މައްސަލަތަކުގައި ގާނޫނީ ގޮތުން ކޮންމެވެސް އެއްޗެއް ބަންޑާރަ ނައިބް ވިދާޅުވާންޖެހޭނެ ކަމަށެވެ.
"އަޅުގަނޑަށް އެެއްގޮތަކަށްވެސް ނޭންގޭ ބަންޑާރަ ނައިވް މުހައްމަދު އަނިލް ހަނުހުންނަވަނީ ކިހިނެތް ވެގެން ކަމެއް. އެމަނިކުފާނަކީ ގާނޫނަށް އަހުލުވެރި އިލްމީ ބޭފުޅެއް. ނަމަވެސް މިއަދު މި ފެންނަނީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތައް ހަނިކުރެވި، ރައްޔިތުން ކަންބޮޑުވާ މައްސަލަތަކުގައި ގާނޫނީ ގޮތުން އެެއްޗެއް ވިދާޅުނުވެ، އަދި އަމިއްލަފުޅަށްވެސް ސުޓޭޓްމަންޓެއް ނުދެއްވަވާ ހުންނަވާ މަންޒަރު،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވުޒާރާތައް ހުހަށް ބެހެއްޓެވުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރެއްވުން ފަދަ ކަންކަމުގައި އަނިލް އެއްޗެއް ވިދާޅުވާންޖެހިވަޑައިގަންނަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ހެލްތު މިނިސްޓްރީ ހިންގަވާނެ ދާއިމީ ވަޒީރަކު ހަމަނުޖައްސާތާ އެތަށް މަސްތަކެއް ފާއިތުވެފައިވާއިރު، އެއީ ގާނޫނު އަސާސީގައި އެކަން އޮންނަ ގޮތް ނޫން ކަމަށްވެސް ސަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކެނީ ވުޒާރާތަކަށް މިފަދަ ގޮތަކަށް ބޭފުޅަކު ހަމަނުޖެހި ދިގުލައިގެން ދިއުމަކީ ގާނޫނީ ވެރިކަމެއް ކުރާ ގައުމެއްގައި ގާނޫނު ނެގެހެއްޓުމަށް އޮތް ވަރަށްވެސް ބޮޑު ހުރަހެއްކަމަށް،" ސަމީރު ވިދާޅުވި އެވެ.
ރައްޔިތުން ކަންބޮޑުވާ ގާނޫނީ މައްސަލަތަކުގައި އޭޖީ ބަސްބުނަންޖެހޭނެ: ސަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ