ތިލަފަތަށް ވޯޓުލާށޭ ބުނާއިރު ތިލަފަތުގައި ދެކޮޅެއްވޭ - މައުމޫން

މިމަހުގެ 22 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިލަފަތަށް ވޯޓުދޭށޭ އެމްޑީޕީން ބުނަމުންދާއިރު ތިލަފަތުގައި ދެކޮޅު ހުންނައިރު ވޯޓުލާންވީ އެތަނުން ކޮންކޮޅަކަށްކަން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހިތަދޫ އުތުރު ދާއިރާއަށް ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޒް އަލީ އިބްރާހިމްގެ ކެމްޕެއިން ޖަގަހައެއް މާލޭގައި ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ތިލަފަތުގެ އެއްކޮޅުގައި އޮތީ މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ރާއްޖޭގެ ސިޔާދަތާއި ރައްޔިތުންގެ ތަރައްގީ އާއި ރައްޔިތުންގެ ކުރިއެރުމާއި ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއި ޑިމޮކްރަސީ ހަރުދަނާކުރުމާއި އަންހެނުންނާއި ޒުވާނުންގެ ހައްގުތައް ހޯދައިދިނުމާއި މުޅި ގައުމަށް ތަރައްގީ ގެނެސްދިނު ރައްޔިތުންގެ މުއްސަނދިކަން ރައްޔިތުންގެ އަތުގައި ދެމެހެއްޓުން ކަމަށެވެ.
އަދި ތިލަފަތުގެ އަނެއްކޮޅުގައި އޮތީ އިސްލާމް ދީނާއި ހިލާފު ކަންތައްތަކާއި މަސްތުވާތަކެއްޗާއި ހަމަނުޖެހުން އުފެއްދުމާއި ގައުމުގައި ފިތުނަ ފަސާދަ އުފެއްދުމާއި މީސްތަކުންގެ ގޯތިގެދޮރުގައި ރޯކޮށް އަންދާ ގެއްލުންތައް ދިނުމާއި ރާއްޖޭގެ އިގްތިސާދު ހަލާކުކުރުމާއި ރާއްޖޭގެ ހަރުމުދާ ބޭރުގެ ގައުމުތަކަށް ވިއްކާލުމާއި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ހިސާބަށް ކަންތައްތައް ގެންދިއުން ކަމަށް މައުމޫން ވިދާޅުވި އެވެ.
"އެހެންކަމުން ކޮން ކޮޅަކަށްތޯ އަޅުގަނޑުމެން ވޯޓުދޭންވީ؟ ޝައްކެއް ނެތް ގޮތުގައި ދިވެހި ރައްޔިތުން ވޯޓުދެއްވާނީ ކުރިން ދެންނެވި ކޮޅަށް، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކޮޅު، މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް ދިނުމާއި ދިވެހިރާއްޖެ އިޖުތިމާއީ ގޮތުން އަދި އިގްތިސާދީ ގޮތުން އިތުރު ކުރިއެރުމާއި ތަރައްގީ ހޯދައިދިނުން. މިއީ އަޅުގަނޑުމެން ހިޔާރުކުރާނެ ގޮތަކީ." ރައީސް މައުމޫން ވިދާޅުވި އެވެ.
30 އަަހަރުވަންދެން ރާއްޖޭގައި ވެރިކަން ކުރެއްވި މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ސަރުކާރު ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރައްވާއިރު ކޯލިޝަންގެ ބޭރުން މި ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން ވެސް ވާދަކުރައްވަމުން ގެންދަވާ ކަމަށާއި މިހެންވެއްޖެނަމަ ވޯޓުތައް ބައިބައިވެގެންދާނެ ކަމަށާއި އޭގެ ފައިދާ ނަގަމުންދާނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ.
އެހެންކަމުން މަޖިލިސް އިންތިހާބު ގެއްލިގެން ދިއުމަކީ "އަޅުގަނޑުމެން ބޭނުންވާނެ ކަމެއް ނޫން" ކަމަށާއި ބައެއް ބޭފުޅުން މިކަން ދެނިވަޑައިގެން ސަރުކާރު ކޯލިޝަން ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް މައުމޫން މިރޭ ވިދާޅުވި އެވެ.
އެގޮތުން މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވަނީ ބައެއް ބޭފުޅުންގެ ނަންތައް ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ ތެރޭގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް ނާޒިމް، ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓު އައިޝަތު ލީޒާއަށް ތާއީދުކޮށްފައިވާކަން ރައީސް މައުމޫން ފާހަގަކުރެއްވި އެވެ. އަދި މާވަށު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު އަލީ ވެސް ސަރުކާރު ކޯލިޝަންގެ ކެންޑިޑޭޓް އަޒްހާން ފަހުމީއަށް ތާއީދުކުރައްވާނެ ކަން ހާމަކުރައްވާފައިވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލީ އިބްރާހިމަކީ ވަރަށް ތައުލީމީ ގާބިލް ބޭފުޅެއް ކަމަށާއި އަލީ އިބްރާހިމަކީ ގާނޫނީ ރޮނގުން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅަކަށްވާތީ މަޖިލީހަށް އެފަދަ ބޭފުޅުން މަޖިލިސް ގޮނޑިއަށް ބޭނުންވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަދި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން އަލީ އިބްރާހިމަށް ވޯޓުދެއްވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ