ކޮންމެ މީހަކު ރަށަކަށް އެރި ކަމުގައިވިޔަސް އެމީހަކަށް ހުރަހެއް އެޅިގެން ނުވާނެ - މައުމޫން

ކޮންމެ މީހަކު، ކޮންމެ ރަށަކަށް އެރި ކަމުގައިވިޔަސް އެމީހަކަށް އެރަށަކުން ހުރަސް އެޅިގެން ނުވާނެ ކަމަށާއި ޑިމޮކްރަސީއަކީ އެއީ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވިލިނގިލި ދާއިރާއަށް ކުރިމަތިލައްވާފައިވާ ޕީޕީއެމް ކެންޑިޑޭޓު ސައުދު ހުސެއިންގެ ކެމްޕެއިން ލޯންޗުކުރުމަށް މިރޭ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޑިމޮކްރަސީއަކީ ކޮންމެ މީހެއްގެ ިސިޔާސީ ފިކުރުގައި މަސައްކަތް ކުރުމުގެ މިނވަންކަން ލިބިގެން ވުން ކަމަށާއި އެމީހަކު ހުށަހަޅައި ކަންކަމާއި ދައްކާ ވާހަކަ ގަބޫލުކުރުމާއި ނުކުރުމަކީ އެމީހެއްގެ ހައްގެއް ކަމަށެވެ.
"އެހެންނަމަވެސް އެމީހަކަށް ދަތިކޮށް، ގޯނާކޮށް، އެކި އެއްޗެހި ކިޔައި، މަގުމައްޗަށް ނިކުމެ އެކި ކަހަލަ މުޒާހަރާކޮށް ދަތިކުރުމަކީ ޑިމޮކްރަސީގައި އޮންނަންވީ ކަމެއްނޫން." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ސިޔާސީ ވާދަވެރިކަން އޮތް ނަމަވެސް އެކަކު އަނެކަކަށް އިހްތިރާމް ކުރަންވާނެ ކަމަށާއި ކޮންމެ ރައްޔިތަކީ ވެސް ހައްގެއް އޮތް މީހެއް ކަމަށެވެ.
މައުމޫން ވިދާޅުވީ 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ކެމްޕެއިންގައި ކޮލަމާފުއްޓަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތުގައި އެރަށަށް އަރައިވަޑައިގަތުމަށް ހުރަސް ނޭޅި ނަމަވެސް އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގެންދަވަނިކޮށް އެމްޑީޕީގެ ބަޔަކު މުޒާހަރާކޮށް އަޑު އުފުލާ ކަންތައްތައް ކުރި ކަމަށެވެ.
ނަމަވެސް މުޒާހަރާ ކުރަން ތިބި އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކޮށް ސަލާންކުރުމުން އެމްޑީޕީ މީހުން މުޒާހަރާ ކުރުން ހުއްޓާލާ މައްސަލަ ވަރަށް ރީތިކޮށް ހަމަޖެހިގެންދިޔަ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"މިއީ ކޮލަމާފުށިން ފެނިގެންދާންޖެހޭ މަންޒަރެއް ނޫން، ކޮލަމާފުށި އެކަންޏެއް ނޫން، ވިލިނގިލިން ވެސް އަދި ރާއްޖޭގެ އެހެން ރަށަކުން ވެސް މި މަންޒަރު ފެނިގެން ނުވާނެ، އަޅުގަނޑުމެން މިއުޅެނީ ޑިމޮކްރަސީއެއްގެ ތެރޭގައި ކަމަށްވީމަ ޖެހޭނެ ތަފާތު ހިޔާލުތަކުގެ މީހުންނަށް މަރުހަބާ ކިޔަން، އެމީހުން ބުނާ އެއްޗެއް އަޑު އަހަން. އަޅުގަނޑުމެން ގަބޫލުކުރުމާއި ނުކުރުމަކީ އަދި ވަކި ކަމެއް." މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފިކުރު ތަފާތުވިޔަސް ކޮންމެ މީހަކީ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއިއެކީގައި ރަށް ރަށަށް އަރާ ފައިބާ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދެއްކޭ މީހަކަށްވާންޖެހޭނެ ކަމަށެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ދާދި ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ދަތުރެއްގައި ބައެއް ރަށްރަށުން ދިމާވި ހިތާމަވެރި އަދި ހިތްދަތި ހާދިސާތަކުގެ ވާހަކަ ގާސިމް ހިއްސާކޮށްފައިވާ ކަމަށާއި އެއީ ކަން ކުރަންވީ ގޮތެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ