ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާއި އެހެނިހެން ސިޔާސަތުތައް މުތޯލިއާކޮށް އެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށް ބުނެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނަކަށް ރައްދުދެއްވަމުންނެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނަކީ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ބޭރު ގައުމުތަކުން ލިބޭ މާލީ އެހީތެރިކަން ސަރުކާރުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަމަށް ނަޝީދު ތުހުމަތުކުރެއްވުމާ ގުޅިގެން ނެރުނު ބަޔާނެކެވެ. ނަޝީދު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ ސިޔާސަތުތައް ދެނެގަނެ އެކަންކަމަށް ފާރަވެރިވުމަކީ ޑިމޮކްރެޓިކް ނިޒާމެއްގައި އިދިކޮޅު ފަރާތްތަކަށް ލިބިގެންވާ ހައްގެކެވެ.
އަދި މި ސަރުކާރުގެ މިސްރާބު ހުރި ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވާ، ގައުމުގެ މިސްރާބު ރަނގަޅު ކުރުމަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަން ޖެހޭނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެއަކީ މުޅި ދިވެހި ރައްޔިތުންގެ ރާއްޖެއެއްކަން ފާހަގަކުރައްވާ ނަޝީދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އޮތް ތާއީދާމެދު ސުވާލު އުފައްދަވާފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި، "މިއީ 30 އިންސައްތައަށްވުރެ ތާއީދު ދަށްކޮށް އޮތް ޑރ. މުއިއްޒުގެ ސަރުކާރުގެ ރާއްޖެއެއް ނޫން" ކަމަށެވެ. ނަޝީދު ވަނީ ގައުމުގެ ނިންމުންތައް ނިންމަންވާނީ ހުރިހާ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށާއި ވަކި ބައެއްގެ މަސްލަހަތު އިސްކޮށްގެން ނޫންކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުންތަކަށް ބުރޫއަރާ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާކަމަށް ވިދާޅުވެ ޗާގޯސް މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ވެސް ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިންގުމުގެ ފުރުސަތު އަދިވެސް ގެއްލިގެން ނުދެއެވެ. އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމާފައިވާ ނިންމުމަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ބެލިކަމުގައިވިޔަސް އެ ރަށްތަކުގެ މައްޗަށް އެންމެ ބޮޑު ހައްގެއް އޮތީ ދިވެހިރާއްޖެއަށް ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މި މައްސަލަ ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތުކުރަމުން ނުދާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމަކީ އިދިކޮޅުގެ ޒިންމާއެއްކަމަށް ނަޝީދު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ