ގާސިމް ބޭނުމީ ވެރިކަމެއް ނޫން ބޭނުންވަނީ ބޮޑު ކަޓެއް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ހޮނަރަބަލް ގާސިމް އިބްރާހިމް އަކީ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ވިޔަފާރީގެ ސިނާއަތުގެ ތެރޭގައި ފިޔަޖައްސަވަމުންދާ އެންމެ މަގުބޫލު އެއް ޝަހުސިއްޔަތެވެ. އެހެނިހެން މަޝްހޫރު ވިޔަފާރިވެރިން ތިއްބަސް ދިވެހިންނާއި އެންމެ ރައްޓެހި ނަމަކީވެސް ގާސިމްއެވެ.
ގާސިމްވަނީ ރައްޔިތުންނާއި ވަރަށް ގާތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ވިޔަފާރި ވެރިއެއްގެ ހައިސިއްޔަތުން ގިނަ އަދަދެއްގެ މީހުންނަށް އެކި އެހީ ފޯރުވައިދެއްވާފައިވާނެއެވެ. ގާސިމްގެ ސިޔާސީ ހަޔާތަށް ބަލާލުމުންވެސް ފެންނަނީ ދާދި އެއް މަންޒަރެކެވެ، އޭނާ ތަމްސީލު ކުރައްވަމުންދާ ދާއިރާގެ މީހުންނަށާއި ރަށުގެ ތަރައްގީއަށް ކޮށްދެއްވާފައިވާ މަސައްކަތްތައް މާމިޖިލި ވައިގެބަނދަރުން ފެނިގެންދެއެވެ.
އެހެންކަމުން މިއަދު ގާސިމް އިބްރާހިމް ވެރިކަމަށް ވަޑައިގަތުމަށް ގޮވާލަމުންދާ ރައްޔިތުންގެ އަޑުތައް ގަދަވެފައިވާއިރު، ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ގާސިމް ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވާފައިނުވާކަމަށްވުމުން ގިނަ ސުވާލުތައް އުފެދެއެވެ.
މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަންގެ ދެވަނައަށް އެންމެ އިސް ޕާޓީއަކީ ޖޭޕީކަމަށްވާއިރު، ގާސިމްވަނީ ކޯލިޝަންގެ ތެރެއިން އެދެވިގެންދާ ފައިދާތަކެއް ލިބިވަޑައިނުގަންނަވާކަން އެކި ފުރުސަތުތަކުގައި ފާހަގަކުރައްވާފައެވެ. އަދި ދައުރު ނިމުމަށް ދުވަސްކޮޅަކަށްވެފައިވާއިރު، ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކުން އޭނާ މި ކޯލިޝަނާއިމެދު ދެކިވަޑައިގަންނަވާ ގޮތްވެސް ސާފެވެ. އެހެންކަމުން މިއަދާއި ޖެހުނު އިރު ޖުމްހޫރީ ޕާޓީއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކޯލިޝަން ދައުވަތު އިންކާރުކޮށްފައިނުވަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެދެއެވެ.
ގާސިމްއަކީ ޖޭޕީގެ ލީޑަރުކަމަށްވާއިރު، މިހާރު އޮތް ކޯލިޝަން ވެރިކަމުގައި ނައިބު ރައީސްގެ މަގާމު އޭނާ ނަންގަވާފައިނުވާތީވެސް ސުވާލު އުފެދެއެވެ. ސުވާލު އުފެދެނީ ގާސިމް ހަގީގަތުގައިވެސް ވެރިކަމުގެ ތަހުތުގައި އިޝީންނަވަން ބޭނުންވެވަޑައިގަންނަވާ ކަމާއިމެދުއެވެ. އާންމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކާއި، ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުގެ ތެރެއިން އަގުލަބިއްޔަތު ބޭނުންވަނީ ޖޭޕީގެ ވެރިކަމެއް ގާއިމުކުރުމަށްކަން ސާފެވެ. އެ ޕާޓީގެ ބައްދަލުވުމުގައި އެކި މެމްވަރުން ދެއްކެވި ވާހަކަތަކުން އެކަން ޔަގީންވެއެވެ.
އެހެންނަމަވެސް ގާސިމްގެ ފަރާތުން އެ ޖޯޝެއް ފެނިގެން ނުދެއެވެ. އެ ޕާޓީއިން ޕްރައިމަރީއެއް ބޭއްވުމަށް އިންތިޒާމު ކުރަމުންދާއިރު، ފަސްޖެހިވަޑައިނުގަންނަވާނެކަމުގެ ޔަގީންކަމެއް ގާސިމް އަދި އެންމެ އިސްކޮށް ތިއްބެވި މެމްބަރުންގެ ފަރާތުން އާންމު މެމްބަރުންނަށް ދީފައިނުވެއެވެ. ގާސިމް އަދި ޖޭޕީގެ އިސްވެރިންނަށްވުރެ އެހެނިހެން ޕާޓީތަކުންވެސް އެ ޕާޓީގެ ވެރިކަމެއް ގާއިމު ކުރުމަށް ޝައުގުވެރިކަމަށް ފާހަގަކުރެވެއެވެ.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ހުންނެވީ މިއަދު އޭނާ އާއިއެކު ކަމަށްވުމުން، އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދަށް ވޯޓު ދެއްވި ޕާޓީގެ 40 އިންސައްތައާއި ގާތް ކުރާ އަދަދެއްގެ މެމްބަރުންގެ ވޯޓުވެސް ގާސިމްއަށް ލިބުމުގެ ފުރުސަތު އެބަ އޮތެވެ. ގައިމުވެސް ރައީސް ނަޝީދު ހުންނެވީ އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ ކިބައިންވެސް ގާސިމް ސަލާމަތްކުރެއްވުަމަށް ތައްޔާރަށެވެ. މަގުމައްޗަށް ނުކުމެވަޑައިގަތުމަށްވެސް ތައްޔާރަށް ހުންނެވިކަން ރައީސް ނަޝީދުވަނީ ދާދި ފަހުން ހާމަކުރައްވާފައެވެ.
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުންދަނީ ޖޭޕީގެ އިސްވެރިންނާއި އެކު ބައްދަލުވުންތައްވެސް ކުރިއަށް ގެންދަމުންނެވެ. ފިކުރެއްގެ ދިރުމުން ބުނެފައިވާގޮތުން، އެ ފެކްޝަނުންދަނީ ޖޭޕީ އާއިއެކު މަސައްކަތް ކުރެވިދާނެ ސިޔާސަތުތައް ދެނެގަތުމުގެ މަސައްކަތްތައް ކުރަމުން އަދި ސިޔާސަތުތައް ތަފްސީލުކޮށް މެނިފެސްޓޯއެއްގައި ހިމެނުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް ޖޭޕީގެ ލީޑަރުން ވާހަކަދެއްކެވީ އަޑި ކިލަނބު ގޮތަކަށެވެ. މީގެ ކުރިންވެސް ގާސިމް ވަނީ ރައީސް އޮފީހަަށް ވަޑައިގެން ރައީސް ސާލިހާއި ބައްދަލު ކުރައްވާފައިކަމަށްވާއިރު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާވަނީ ރައީސް ނަޝީދާއި އެކު ކުރިއަށް ވަޑައިގަތުމަށް ނިންމާފައިނުވާކަންވެސް ސާފުކޮށް ބަޔާންކުރައްވާފައެވެ. ހަމަ އެ ގޮތުގެ މަތިން ފިކުރެއްގެ ދިރުމުން މެނިފެސްޓޯގެ ވާހަކަތައް ދެއްކެވިއިރު، ޖޭޕީއިންވަނީ ރައީސް ސާލިހުގެ ކޯލިޝަން ދައުވަތަށް އިންކާރުކޮށްފައިނުވާކަމަށް އިޝާރާތްކޮށްފައެވެ.
ޖޭޕީއިން ބުނެފައިވާގޮތުން، ވަކި ގޮތެއް ނިންމައި އިންވެސްޓު ކުރުމުގެ ކުރިން އެ ޕާޓީއިންދަނީ ހުރި ބައެއް ސުވާލުތަކަށް ޖަވާބުތައް ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ގޮތް ނިންމުމުގެ ކުރިން އެ ފިޔަވަޅުގެ ސަބަބުން ނުކުންނާނެ ނަތީޖާތައް ދެނެގަތުން މުހިންމުކަމަށްވެސް ޖޭޕީއިން ފާހަގަކޮށްފައިވާއިރު، އެ ޕާޓީއިން އަދި ރިޔާސީ އިންތިހާބާއި ގުޅިގެން ހިސާބުތައް ޖަހާފައިނުވާކަމަށާއި، ރައީސް ސާލިހުގެ ސިޓީއަށް ރަސްމީ ޖަވާބެއް ދޭނީ އެއަށްފަހުކަމަށް ޖޭޕީއިންވަނީ ބުނެފައެވެ.
މިއަދާއި ޖެހުނު އިރު ގާސިމްވަނީ އެމްއާރްއެމްއާއިއެކުވެސް ބައްދަލުވުންތައް ބާއްވާފައެވެ. އާންމުންގެ ތެރޭގައި ގާސިމްމަށް އެންމެ ތާއީދު ބޮޑުކަމަށް ފެނިގެންދާ ދުވަސްވަރު، އެ ގޮވާލުތަކަށް އިޖާބަ ދިނުމަށް ގާސިމް ތަައްޔާރަށް ހުންނެވިކަމަށް ފެނިގެން ނުދާކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރާއިރު، ބައެއް ފަރާތްތަކުން ދެކޭގޮތުން ގާސިމްއަކީ ވިޔަފާރިވެރިއެއްކަމަށްވުމުން ކަމަކަށް ޝައުގު ކިތަންމެ ބޮޑު ނަމަވެސް އެއަށްވުރެ ފައިދާ ބޮޑު މަގެއް ފެނިއްޖެ ހާލަތެއް ނަންގަވާނީ ގާސިމް ނަންގަވާނީ އެ މަގެވެ.
މި ކޯލިޝަން ވެރިކަން ގާއިމު ކުރެވިގެންދިޔައިރު ގާސިމް އަށް ނައިބު ރައީސްގެ މަގާމަށް އާދެވުމުގެ ފުރުސަތު އޮންނާނެކަމަށްވުމުން، އެކަން ނުކުރެއްވީ ސަރުކާރުގެ ފެއިލްވުމުން ސީދާ ޒިންމާ ނަންގަންވަން ޖެހިވަޑައިނުގަންނަވާނެ މަގާމެއްގައި ހުންނެވުމަށްކަމަށްވެސް ވެދާނެއެވެ. އަދި މިހާރުވެސް އެފަދަ ވިޔަފާރި ވިސްނުމެއް ގެންގުޅުއްވާނެކަމަށްވުމުން، މިހާރުވެސް ވެރިކަމަށް ވަޑައިގަތުމުގެ ބަދަލުގައި ޖުމްހޫރީޕާޓީގެ ހިއްސާ ބޮޑު އަދި އޭނާގެ ނުފޫޒުވެސް ބޮޑު ވެރިކަމެއް ގާއިމު ކުރެއްވުމަށް މަސްއްކަތްކުރައްވަމުންދަނީކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.
ރައީސް ސާލިހުގެ ދައުވަތު އިންކާރު ކުރައްވާފައިނުވާތީ އެކަންވެސް އެގޮތަށް ގާސިމް ކުރައްވާފައިވަނީ ފަހުވަގުތު ކުޅުއްވާނެ ކާޑެއްގެ ގޮތުގައި ބޭނުންކުރެއްވުމަށް ކަމަށްވެސް ވެދާނެއެވެ. މި ވެރިކަން ފެށިގެން ގިނަ ދުވަސްތަކެއް ނުވެ ގާސިމްގެ ހިތް ހަމަ ނުޖެހުންތައް ހުރިކަން ހާމަކުރައްވަމުންދިޔަނަަމަވެސް މީގެ ކުރީގެ ވެރިކަމުގެ ކޯލިޝަންތައް ރޫޅިގެން ދިޔަ ގޮތަށް މި ކޯލިޝަނެއް ނުރޫޅެއެވެ. ގާސިމްގެ ފަރާތުން މިއަދާ ޖެހެންދެންވެސް ގާސިމް މަސައްކަތް ކުރައްވަމުންދަނީ ހަމަ މިހާރުވެސް އޮތް ކޯލިޝަން ވެރިކަމާއިއެކު ދައުރު ނިންމާލެއްވުމަށްކަން ފެނިގެންދެއެވެ.
އެހެންކަމުން މި ވެރިކަމުގައި ފައިދާތަކެއް ލިބިގެން ނުދާކަމަށް ގާސިމް އެ ވިދާޅުވާ ވިދާޅުވުން ގަބޫލުުރަން ދައްޗެވެ. ޔަގީނުންވެސް ގެއްލުންތަކެއް ލިބިފައިނުވާއިރު، ގާސިމް އެދުނު މިންގަނޑަށް ފައިދާތައް ނުވުމުގެ ސަބަބުން ހިތްހަަމަ ނުޖެހުންތަކެއް ހުރިކަމަށްވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށްވުމުން އެ ކަންކަމަށް ހައްލުތަކެއް ލިބިގެންދާ ގޮތަށް ރައީސް ސާލިހާއިއެކު އެއްބަސްވުމެއް ގާއިމު ކުރެއްވިއްޖެ ހާލަތެއްގައި ފަހު ވަގުތު ރައީސް ސާލިހުގެ ފަހަތަށް ގާސިމް އަރާވަޑައިގަތުމަކީ ނެތް ފުރުސަތެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ