ދަމަނަވެށީގެ ހިދުމަތްތައް ދެ ތަނަކަށް ބަދަލުކޮށް ހޯމަ ދުވަހުން ފެށިގެން ބަންދުކުރަނީ

ދަމަނަވެށިން ދޭ ހިދުމަތްތައް އަންނަ ހޯމަ ދުވަހުން ފެށިގެން ލިބޭނީ އާބަން ހެލްތު ސެންޓަރު އަދި ހުޅުމާލެ ޖީޕީ ކްލިނިކުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ބަޔާނެއްގައި ބުނީ ދަމަނަވެށި ހިންގާ އިމާރާތާއި އެއާ ޖެހިގެން ހިންގި ތެލެސީމިއާ ސެންޓަރު މަރާމާތުކޮށް، އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.
އެހެންވެ، ދަމަނަވެށިން މިހާރު ދޭ ހިދުމަތްތައް އަންނަ ހޯމަ ދުވަހުން ފެށިގެން ބަދަލުވާނީ މާފަންނުގައި ހިންގާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު އަދި ހުޅުމާލެ 2 ގެ ޖީޕީ ކްލިނިކަށް ކަމަށް ބުންޏެވެ.
އެ ބަދަލާއެކު، ދަމަނަވެށީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުން ވެސް ވަނީ އެ ދެ ތަނަށް ބަހާލައިފަ އެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ކުރިން ވިދާޅުވީ، ހެންވޭރުގައި އާބަން ޕްރައިމަރީ ހެލްތު ސެންޓަރު ހުޅުވުމަށް ފަހު، ދަމަނަވެށީގެ ހިދުމަތްތައް ވެސް އެ މަރުކަޒަށް ބަދަލުކުރާނެ ކަމަށެވެ. 
"[ދަމަނަވެށިން މިހާތަނަށް ދިން ހިދުމަތްތައް އެހެން ތަނަކަށް ބަދަލުކުރުމަކީ] ވަގުތީ ގޮތުން ގެނައި ބަދަލެއް އެއީ." ހަލީމް ވިދާޅުވި އެވެ. 
ދަމަނަވެއްޓަކީ ކުޑަކުދިންގެ ވެކްސިނާއި ހައްޖާއި އުމްރާއަށް ދާ މީހުންގެ ވެކްސިން ކަންކަން ބަލަހައްޓާ މަރުކަޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ