ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރަން މިހާރު އޮތް ބަޖެޓުން ނުފުދޭ ކަމަށާއި މިކަމުގައި ވާދަވެރިންނާ ފައިހަމަކުރަން އިތުރު ފައިސާ ބޭނުންވާ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ކުރިން އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަން އަބްދުﷲ ގިޔާސް އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ވިޒިޓް މޯލްޑިވްސްއިން އިއްޔެ ބޭއްވި އެ އެޖެންސީގެ އަހަރީ އާންމު ޖަލްސާގައި ގިޔާސް ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު މާލީ ކުރިއެރުންތަކާއި މިހާރު ދިމާވާ ދަތިތަކުގެ ވާހަކަ ހިއްސާކުރައްވާފަ އެވެ.
ތަފްސީލު - ގެއްލުމުގައި އޮތުމަށްފަހު މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި ފައިދާވާ ކުންފުންޏަކަށް ބަދަލުވިއިރު، އެ ކުންފުނިން ބުނެފައިވާ ގޮތުގައި:
މިދިޔަ އަހަރު 27 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު
ރިކަރަންޓް ހަރަދުގެ %10އަށް ވުރެ ބޮޑު އަދަދެއް ކުޑަކުރި
ގްލޯބަލް ޕަބްލިކް ރިލޭޝަން ޕާޓްނާޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއް ހަދައި ޕީއާރު އެޖެންސީތަކުގެ އަދުދު 21 އިން 6އަށް މަދުކުރި
އޭގެ ސަބަބުން 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވުނު
ކާމިޔާބީތަކެއް ހުރި ނަމަވެސް، އަބްދުﷲ ވަނީ ރާއްޖެ އިސްތިހާރު ކުރަން ލިބޭ ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފަ އެވެ.
"މި ސަރަހައްދަށް ބަލާއިރު، ވާދަވެރި ގައުމުތަކުގެ ޕްރޮމޯޝަނަލް ބަޖެޓު މާ ބޮޑު. އެންމެ ވާދަވެރި ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަކީ މިކަމަށް އެންމެ މަދުން ފައިސާ ހަރަދުކުރާ ގައުމު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ 20 އަހަރުގެ ތެރޭގައި ވެސް ވާދަވެރި ގައުމުތަކުން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރަން ފައިސާ ހަރަދުކޮށްފައިވާ ގޮތަށް ރާއްޖެއަށް ކޮށްފައިނެތް ކަމަށެވެ.
ދުނިޔޭގެ މާކެޓުގައި ވާދަވެރިކަން ނުހިފެހެއްޓިއްޖެ ނަމަ، އޭނާ ވިދާޅުވީ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދާއި އާންމުންނަށް ވެސް ފޯރާނެ ކަމަށެވެ.
މިއަހަރުގެ ބަޖެޓުގައި ރާއްޖެ އިޝްތިހާރުކުރަން ހަރަދުކުރަން ހިމަނާފައި ވަނީ 154.2 މިލިއަން ރުފިޔާ އެވެ. އެއީ، 2024އާ ވެސް އެއްވަރުގެ އަދަދެކެވެ.
އެނގުން މުހިންމު - ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން މިއަހަރު ބަޖެޓް ބޮޑުކުރާނޭ ކަމަށް ބުނި ނަމަވެސް ބަޖެޓް ހުށަހެޅިއިރު އެ އަދަދު ބޮޑުކޮށްފައެއް ނުވެ އެވެ. ސަރުކާރުން ވިސްނީ ގްރީން ޓެކްސް ނޫނީ ޓީޖީއެސްޓީ އާމްދަނީގެ ވަކި ޕަސެންޓެއް ޓޫރިޒަމް ޕްރޮމޯޝަނަށް ހާއްސަކުރަން ނިންމައި ޓޫރިޒަމް ޕްރޮމޯޝަނަށް 300 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރުމަށެވެ.
ރާއްޖެ ޕްރޮމޯޓު ކުރަން އިތުރު ފައިސާ ބޭނުންވޭ؛ ވާދަވެރިންގެ ބަޖެޓު ބޮޑު: ގިޔާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ