ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެއަށާއި ދެކުނަށް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. މެޓު އޮފީހުން މިއަދު "ސަން"އަށް ބުނީ މިއަދު ވެސް ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ބުންޏެވެ. ވައިޖެހޭނީ އިރާއި އިރުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. މެޓުން މިއަދު ވަނީ ދެކުނާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެ ލަފާކޮށް، ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލުނެރެފައެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 11:30 އިން ފެށިގެން ހަވީރު 16:30އަށެވެ. ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާއި މެދު ރާއްޖޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، އުތުރުގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ބުންޏެވެ. މީގެ އިތުރުން ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވާއިރު، ރޯދަމަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ