ޖާންވީއާއި ރާޖް ކުމާރް ރާއޯގެ ފިލްމުގެ މަސައްކަތް ނިންމާލައިފި

ބަތަލާ ޖާންވީ ކަޕޫރާއި ރާޖް ކުމާރް ރާއޯގެ ކްރިކެޓް ޑްރާމާ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"ގެ މަސައްކަތް ނިންމާލާއިފިއެވެ. މިފިލްމުގެ ޝޫޓިންގް ނިންމާލިކަން ފިލްމު ގެނެސްދޭ ކުންފުނި ދަރްމާއިންވެސްވަނީ ކަށަވަރުކޮށްދީފައެވެ. ދަރްމާ ކުންފުނިން ފިލްމީ ދާއިރާއަށް ތަޢާރަފްވި ބަތަލާ ޖާންވީގެ މިފިލްމުގައި ޖާންވީއާއެކު ރާޖްކުމާރް ރާއޯވެސް ފެންނާނީ ކްރިކެޓް ކުޅުންތެރިންގެގޮތުގައެވެ. ފިލްމު "ދަޅަކް"އިން ބޮލީވުޑަށް ތަޢާރަފްވި ބަތަލާގެ ފިލްމު "ގުންޖަން ސަކްސޭނާ"އަކީވެސް ދަރްމާ ކުންފުނިން ގެނެސްދިން ފިލްމެކެވެ. ޖާންވީގެ މިފަހަރުގެ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ"ގެ ޑައިރެކްޓަރަކީވެސް "ގުންޖަން ސަކްސޭނާ"ގައި ބަތަލާ ޑައިރެކްޓްކުރި ޝަރަން ޝަރުމާއެވެ. މިއީ ޖާންވީއާއެކު ޝަރަން މަސައްކަތްކުރާ ދެވަނަ ފިލްމުވެސްމެއެވެ. ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" ކުޅުމުގެކުރިން ރާޖް ކުމާރް ރާއޯއާއެކު ޖާންވީވަނީ ކޮމެޑީ ހޮރޯ ފިލްމު "ރޫހީ"ގައި މަސައްކަތްކޮށްފައެވެ. ފިލްމު "ރޫހީ"އިން ދެ ތަރިންގެ އޮން ސްކްރީން ގިނަބަޔަކަށް ކަމުދިޔައިރު ކްރިކެޓް ކުޅިވަރަށް ޚާއްސަ މިފިލްމަކީ އެފަރާތްތަކުން މިއަހަރު އެންމެބޮޑު އިންތިޒާރެއްކުރެވޭ އެއް ފިލްމެވެ. ވަރަށް އަވަހަށް މިފިލްމު ސިނަމާތަކަށް ގެނެސްދޭނެކަމަށް ދަރްމާއިން ބުނެފައިވާއިރު އެއީ ކޮންއިރަކުކަމެއް ބުނެފައެއް ނުވެއެވެ. ކުރީގެ ފިލްމީ ތަރި ސްރީދޭވީ އާއި ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ދޮށީ ދަރިފުޅު ޖާންވީއަކީ، ހިންދީ ސިނަމާގައި ކުރިއަރަމުން އަންނަ ޒުވާން ބަތަލުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ ބަތަލާއެކެވެ. މިދިޔަ އަހަރު ޖާންވީގެ ދެ ފިލްމެއް ރިލީޒްވެފައިވާއިރު މި ދެ ފިލްމުގައިވެސް ޖާންވީ ދައްކުވައިދިން އެކްޓިންގްއަށް ގިނަ ބަޔަކުވަނީ ތަޢުރީފުކޮށްފައެވެ. ޖާންވީވަނީ ދަރްމާގެ މިފިލްމުގެ އިތުރުން އިތުރު ދެ ފިލްމަކަށް މިއަހަރު ސޮއިކޮށްފައެވެ. އެއީ "ބަވާލް" ނަމަކަށްކިޔާ ފިލްމަކާ ތެލުގޫ ފިލްމު "އެންޓީއާރް 30"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ