ތައުޙީދަކީ ކޮބާ؟ "ޠާޣޫތު" އަކީ ކޮބާ؟

ތަވްޙީދުގެ މާނައަކީ: ﷲ އެއްކައުވަންތަ ކުރުމެވެ. ނުވަތަ ﷲ ގެ އުލޫހިއްޔަތުގައްޔާއި ރުބޫބިއްޔަތުގައި އަދި އެކަލާނގެ އިސްމުފުޅުތަކުގައްޔާއި ޞިފަފުޅުތަކުގައި ބައިވެރިޔަކު ނުވާކަން ތެދުހިތުން ގަބޫލު ކުރުމެވެ. 
މުސްލިމަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ތަވްޙީދު ނުވަތަ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކުރުމެވެ. 
ބައެއްމީހުންނަށް ހީވެފައި އޮންނަގޮތުން "ޠާޣޫތު" އަކީ މާތް ﷲ ފިޔަވާ އަޅުކަންކުރެވޭ ކޮންމެ ފަރާތަކަށް ކިޔޭނަމެކެވެ. އެހެންނަމަވެސް އަލްއިމާމް އިބްނުޖަރީރުއްޠަބަރީ ވިދާޅުވަނީ އެއީ މުޅިން ރަގަޅު ވާހަކައެއް ނޫންކަމަށެވެ. އެހެނީ ބައެއްމީހުން ރަސޫލުބޭކަލުންނާއި ޞާލިޙް ތަގްވާވެރި ރަގަޅު މީހުންނަށްވެސް  އަޅުކަންކޮށް އުޅެއެވެ. އެބޭކަލުންނާ ދިމާލަށް "ޠާޣޫތެކޭ" ނުބުނެވޭނެއެވެ. އެހެނީ އެބޭކަލުން އެކަމާ އެއްގޮތަކަށްވެސް ނުރުހެއެވެ. އަދި އެފަދަ ކަންތައް ނުކުރުމަށް ގަދައަޅުއްވައި ވާހަކަފުޅު ދައްކަވާ ހައްދަވައި އިންޒާރުދީ ހައްދަވައެވެ. 
އަދި އެބޭކަލުންނަކީ މާތް ﷲ އަށް އުރެދިފައިވާ ބައެއްނޫނެވެ. ރަސޫލުބޭކަލުން ފޮނުއްވުމުގެ ބޭނުމަކީވެސް މީސްތަކުންނަށް މާތް ﷲ އެއްކައުވަންތަ ކުރުމަށް އެންގެވުމެވެ. އަޅުކަންކުރުމުގައި އެކަލާންގެ އާއި އެކު އެހެންފަރާތެއް ބައިވެރި ނުކުރުމަށް މީސްތަކުންނަށް ގޮވާލުމެވެ. މާތް ﷲ ކީރިތި ގުރްއާނުގައި އައްނަޙްލު ސޫރަތުގެ 36 ވަނައާޔަތުގައި ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. "ހަމަކަށަވަރުން ކޮންމެ އުއްމަތެއްގެ ބައެއްގެ ގާތަށްވެސް ތިމަން ﷲ ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ﷲ ފިޔަވާ އެހެންފަރާތަކަށް އަޅުކަން ނުކުރުމަށް ގޮވާލުމަށެވެ. އަދި ޠާޣޫތު ތަކާއި ދުރުހެލިވުމަށެވެ". 
އެހެންކަމުން "ޠާޣޫތު"ގެ މާނަ އިބްނުޖަރީރުއްޠަބަރީ ކުރައްވާ ގޮތަކީ: ﷲ ތަޢާލާ އަށް އުރެދި މީސްތަކުންލައްވާ އަޅުކަންކުރުވާފަރާތް ތަކެވެ. މީސްތަކުން އެމީހުންނަށް އަޅުކަން ކުރަނީ އެބައިމީހުން އެދިގެން ކަމުގައިވީނަމަވެސް ނުވަތަ ނޫންކަމުގައިވީނަމަވެސް އެވެ. އެއަޅުކަންކުރެވޭފަރާތަކީ އިންސާނެއްކަމުގައިވީނަމަވެސް، ޖަނަވާރެއްކަމުގައިވީނަމަވެސް، ބުދެއްކަމުގައިވީނަމަވެސް ނުވަތަ އެނޫންވެސް އެއްޗަކަށްވީނަމަވެސް އެވެ. މިޘާލަކަށް ފިރްޢައުނު. 
ޢަރަބި ބަހުގައި "ޠާޣޫތު" މި ލަފްޡު ނެގިފައިވަނީ "ޠަޣާ" އިންނެވެ. އޭގެ މާނައަކީ އުރެދުމުގައި ހައްދުފަހަނަ އަޅައިދިއުމެވެ. واللهأعلم  
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ