ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ދިފާއީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހިމް (ކައްޕި)އަށް އިއްޔެ ސްޓްރޯކެއް ޖެހި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި އެވެ.
މުހައްމަދު އިބްރާހިމްގެ ގާތް މީހަކު 'ދައުރު'އަށް ބުނީ ސްޓްރޯކް ސީރިއަސްކަމަށާއި އެކަމަކު އަވަހަށް ފަރުވާ ފެށުމުން ހާލު ކޮންމެވެސް ވަރަކަށް ރަނގަޅު ވަމުން އަންނަ ކަމަށެވެ.
"އަދިވެސް ކްލޮޓެއް ސިކުނޑީގައި އިންނަ ކަމަށް ވަނީ. ހާލު މުޅިން ހަމަޔަކަށް އެޅުނީމާ އެކަމަށް މިއަދު ފަރުވާކުރާނެ ކަމަށް ބެލެެވެނީ،" އޭނާ ބުންޏެވެ.
މުހައްމަދު އިބްރާހިމަކީ ވިކްޓަރީން އުފެދުނު ފުޓްބޯޅަ ތަރިއެކެވެ. ވިކްޓަރީގެ އިތުރުން އޭނާ ވަނީ ފަހުން ވާދަވެރި ނިއު ރޭޑިއަންޓަށް ވެސް ކުޅެފަ އެވެ.
ކުރިންސުރެ ސްޓެލްކޯގައި ވަޒީފާ އަދާކުރަމުން އަންނަ މުހައްމަދު އިބްރާހިމް ގަައުމީ ޓީމުގެ ކެޕްޓަނަކަށް ކުޅެން ފެށީ 1999ގަ އެވެ. އެ އަހަރު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދީ އޭނާގެ ކެޕްޓަންކަމުގެ ދަށުގަ އެވެ.
ވެލެންސިއާއިން ފުރަތަމަ ފަހަރަށް ކުޅުންތެރިން ގަނެގެން 1992ގެ ފުޓްބޯޅަ މޫސުމަށް ނުކުތް އިރު އެންމެ ނިކަމެތިވި ވިކްޓަރީއަށް ގައުމީ ތަށި ހޯދައިދިނީ މުހައްމަދު އިބްރާހިމްގެ މޮޅު ކުޅުމާ އެކުގަ އެވެ. އޭރުގެ އެންމެ މޮޅު އެއް ދިފާއީ ކުޅުންތެރިޔާ ދޮންބިލެތް އަހުމަދު ހަލީމް ވެލެންސިއާއަށް ދިއުމުން ވިކްޓަރީން ހުސްވި ޖާގަ ފުރީ އޭނާ އެވެ.
އެއީ ނިއު ރޭޑިއަންޓުން ގައުމީ ތަށި މިލްކުކުރަން ނުކުތް އަހަރު ވެސް މެ އެވެ. އޭގެ ކުރިން ފުރަތަމަ ފަހަރަށް ގައުމީ ތަށި މިލްކުކޮށްފައި އޮތީ 86-1983އަށް ޗެމްޕިއަންކަން ހޯދި ވިކްޓަރީ އެވެ.
ނިއުއަށް އެ ކާމިޔާބު ހޯދިޔަނުދޭން 1992ގައި ކޯޗެއްގެ ގޮތުގައި ހުރީ ވިކްޓަރީއަށް ގައުމީ ތަށި މިލްކުކޮށްދިން ކޯޗު އަބްދުލް ޖަލީލް (އަބުޖީ) އެވެ. އޭނާ ވިކްޓަރީ ނެރުނީ މުހައްމަދު އިބްރާހިމްގެ އިތުރުން އިސްމާއިލް އަނިލް ކަހަލަ ޒުވާން ކުޅުންތެރިން ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގެ ފުޓްބޯޅައަށް ހާނުވައިފަ އެވެ.
ފައިނަލްގައި ނިއު ބަލިކޮށް ޗެމްޕިއަންކަން ހޯދީ ވިކްޓަރީގެ ޒުވާން އެ ޓީމެވެ.
މުހައްމަދު އިބްރާހިމް ވަނީ ވިކްޓަރީން ދެވަނަ ފަހަރަށް ގައުމީ ތަށި 2002ގައި މިލްކުކުރި އިރު ކެޕްޓަންކަން ވެސް ކޮށްފަ އެވެ.
ކުރީގެ ގައުމީ ކެޕްޓަން މުހައްމަދު އިބްރާހިމަށް ސްޓްރޯކެއް ޖެހި ފަރުވާދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ