އީރާން-އިޒްރޭލް ހަމަލާތަކާ ގުޅިގެން ތެލުގެ އަގު ބޮޑުތަނުން އުފުލިއްޖެ

އިޒްރޭލާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެ، މެދުއިރުމަތީގައި ހަނގުރާމައެއް ފެއްޓުމުން ތެލުގެ އަގުތައް ރަަނަށްވެ، ތެޔޮ ކުންފުނިތަކުގެ ހިއްސާގެ އަގުތައް ދަށަށް ހިނގައްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މިއީ އިޒްރޭލުން އީރާނަށް ދިން ހަމަލާއަށް ފަހު، ފާއިތުވި އަހަރުތަކުގައި އެއް ދުވަހެއްގެ ތެރޭގައި ތެލުގެ އަގު އެންމެ މައްޗަށް އެރި ދުވަހެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހަކަތަ ސަޕްލައިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ވެސް ވަނީ ކުރިމަތިވެފަ އެވެ.
ތެޔޮ ފީފާއެއްގެ އަގުން %7.26 އުފުލި، ހުކުރު ދުވަހު ވަނީ ފީފާއެއްގެ އަގު 72.98 ޑޮލަރަށް އަރައިފަ އެވެ.
މިއީ ރަޝިޔާ އިން ޔޫކްރެއިނަށް ހަމަލާ ދިންތާ ހަފުތާއެއްހާ ދުވަސް ފަހުން، މާޗު 2022އަށް ފަހު، ތެލުގެ ބެންޗުމާކްތަކަށް އެއް ދުވަހެއްގެ ތެރޭގައި މައްޗަށް ޖެހުނު އެންމެ ބޮޑު މިންވަރެވެ. އޭގެ އިތުރުން، އޮކްޓޫބަރު 2022އަށް ފަހު ހަފުތާއެއްގެ ތެރޭގައި އެންމެ ބޮޑަށް މައްޗަށް އެރި ފަހަރު ވެސްމެ އެވެ.
އީރާނުގެ ރައްދު ހަމަލާތަކާ އެކު އަދި އެ ހަމަލާތައް އެމެރިކާގެ މަސްލަހަތު ހުރި ތަންތަނަށް އަމާޒުވުމުގެ ފުރުސަތު އޮތުމާ އެކު، ތެޔޮ ހިފައިގެން ދަތުރުފަތުރުކުރުމުގެ މުހިންމު މަގުތަކަށް ހުރަސް އެޅުމުގެ ފުރުސަތު އޮތުމުން އިންވެސްޓަރުން ތިބީ ކަންބޮޑުވެފަ އެވެ.
އެ ހަމަނުޖެހުންތައް އިތުރަށް ފުޅާވެ، އީރާނުގެ ތެޔޮ ބާޒާރަށް ނުނެރެފި ނަމަ، ތެޔޮ ފީފާއެއްގެ އަގުން ގާތްގަނޑަކަށް 7.50 ޑޮލަރު އުފުލިދާނެ ކަމަށް ކޮންސަލްޓަންޓް ކުންފުންޏެއް ކަމަށްވާ ލިޕޯ އޮއިލް އެސޯސިއޭޓްސްގެ ރައީސް އެންޑީ ލިޕޯ ވިދާޅުވި އެވެ.
ހަކަތައިގެ އަގު ހެޔޮކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަމާލުކަން ދެއްވާކަން އީރާނަށް ވަރަށް ރަނގަޅަށް ވިސްނޭ ކަމަށާއި މެދުއިރުމަތީގެ ސަޕްލައިއަށް އަސަރުކޮށް، އޭގެ ފަހުން ތެލުގެ އަގު ބޮޑުވާ ގޮތަށް އީރާނުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ސިޔާސީ ގޮތުން ޓްރަމްޕަށް ގެއްލުންތަކެއް ލިބޭކަން އީރާނަށް ވަރަށް ރަނގަޅަށް ވިސްނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ސަޕްލައި ކުރުމަށް އެންމެ މުހިންމު ދޮރު، ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުމަށް ބުރޫއަރައިފާނެ ކަމުގެ ކަންބޮޑުވުމެވެ.
އެކަން ވެއްޖެ ނަމަ، ތެޔޮ ފީފާއެއްްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ދާނެ ކަމަށް ލިޕޯ ވިދާޅުވި އެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާއާ ގުޅިގެން ތެލުގެ އަގު އުފުލުމަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ތެލުގެ ރިޒާވް ދޫކުރަން ޖެހިދާނެ ކަމެއް ކަމަށް ދެކެވޭ ވާހަކަތައް އޯޕެކުން ވަނީ ދޮގުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ