ތުހުމަތުތަކަށް ފަނޑިޔާރު އަޒްމިރަލްދާ އިންކާރު ކުރައްވައިފި

ނުފޫޒު ފޯރުވަން އުޅުނީ އޭނާ ނޫން ކަމަށާއި، ބަޔަކު މަސައްކަތްކުރަމުން އަންނަނީ އޭނާއަށް ނުފޫޒު ފޯރުވުމަށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ވިދާޅުވެއްޖެ އެވެ.އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 އަށެވެ.ޖޭއެސްސީގެ ސުލޫކީ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުން ފަނޑިޔާރު އަޒްމިރަލްދާއާ މިއަދު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައި ކަމަށް އޭނާގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ. އަދި އެ ތުހުމަތުތަކަކީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ފަނޑިޔާރު ދެންނެވި ކަމަށް ވަކީލް ވިދާޅުވި އެވެ."މިއަދު ޖޭއެސްސީގެ ތަހުގީގުގައި، މައްސަލައިގައި ފަނޑިޔާރަށް ކުރާ ތުހުމަތުތަކަށް ފަނޑިޔާރު އިންކާރު ކުރެއްވި. އަސްލެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށް ވިދާޅުވި،" ޝަމީލް ވިދާޅުވިއެވެ.އެގޮތުން މި މައްސަލައިގައި ފަނޑިޔާރު މަހާޒުގެ މައްޗަށް ތުހުމަތުކުރެވޭއިރު، އެ ދުވަހު މަހާޒާ ވާހަކަދެކެވުނީ ވެސް އެ ދުވަހުގެ ހަވީރު އިރުއޮއްސި ހައެއްގެ ފަހުން ކަމަށް އަޒްމިރަލްދާ ވިދާޅުވިކަމަށް ޝަމީލް ވަނީ ފާހަގަކުރައްވައިފައެވެ.ޖޭއެސްސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އަޒްމިރަލްދާ އާއެކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސޫއޫދު ވެސް ސަސްޕެންޑްކުރިއެވެ. އެކަމަކު، ސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފައެެވެ. ޖޭއެސްސީން ބަލަމުން އަންނަ މައްސަލައެއްގައި މިދިޔަ އާދިއްތަ ދުވަހު މަހާޒް ވަނީ ޖޭއެސްސީ އަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތަކަކީ އަސްލެއް، އަސާސެއް ނެތި، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ މައްސަލަތަކެއް ކަމަށް އަޒްމިރަލްދާގެ ފަރާތުން އޭނާގެ ވަކީލުން މި ފަހުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ