އެމްޓީސީސީގެ އެމްޑިީއަކީ އަބްދުﷲ ޒިޔާދު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޒިޔާދު އައްޔަން ކޮށްފިއެވެ.
އާ ސަރުކާރު ހިންގުމާ ހަވާލު ވުމަށް ފަހު ސަރުކާރުން ހިންގާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް މީހުން އައްޔަން ކުރަމުން އަންނަ އިރު، ހ. ލައިނޫފަރުމާގޭ އަބްދުﷲ ޒިޔާދު އެމްޓީސީސީގެ އެމްޑީގެ މަގާމަށް އައްޔަން ކޮށްފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
އެ ބޯޑުން މިއަދު ބުނެފައިވާ ގޮތުގައި ޒިޔާދު އެ މަގާމަށް އައްޔަން ކޮށްފައި ވަނީ ގާނޫނު ނަމްބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތިންނެވެ.
ސަރުކާރުގެ ގިނަ މަޝްރޫއުތައް ހިންގުމުގައި އެމްޓީސީސީ އަކީ ބޮޑު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އެ ގޮތުން ބިން ހިއްކުމާއި، ރަށްރަށުގެ ބަނދަރުތައް ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، މަގުތައް ހެދުން ފަދަ މަސައްކަތް ކުރާ އިރު، ދަތުރުފަތުރުގެ ނިޒާމާ ގުޅޭ މަޝްރޫއުތައް ވެސް ހިންގާފައި ވެއެވެ. އެ ގޮތުން ބަހާއި ފެރީގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި އެމްޓީސީސީގެ ދައުރު ފާހަގަ ކޮށްލެވެއެވެ.
ކުރީ ސަރުކާރު ނިނުމާ ގާތަށް އައި އިރު، އެމްޓީސީސީން ގެންދިޔައީ ގިނަ އަދަދެއްގެ މަޝްރޫއުތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ