މަގު ހެދުމުގެ މަޝްރޫއުތަކަކަށް ގަވައިދާ ޚިލާފަށް އެޑްވާންސް ފައިސާ ދިން: އޮޑިޓް

ހަތް ރަށެއްގެ މަގު ހެދުމަށް ހައުސިންގް މިނިސްޓްރީން ކޮންޓްރެކްޓަރަށް އެޑްވާންސް ފައިސާގެ ގޮތުގައި، މާލިއްޔަތު ގަވައިދުގައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ދީފައިވާ މައްސަލަ އޮޑިޓާ ޖެނެރަލް ފެންމަތި ކުރައްވައިފި އެވެ. އޮޑިޓާ ޖެނެރަލް މިދިޔަ ހަފްތާގައި ނެރުއްވި، ހައުސިންގް މިނިސްޓްރީގެ 2014 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ވިދާޅުވެފައިވާ ގޮތުން، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަތް ރަށެއްގައި މަގު ހެދުމަށް ހަވާލު ކުރި އިރު، އެ މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައި ވަނީ މާލިއްޔަތު ގަވައިދުގައިވާ މިންވަރަށް ވުރެ އިތުރަށެވެ. މާލިއްޔަތު ގަވައިދުގައިވާ ގޮތުން، އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ މަސައްކަތުގެ އަގުގެ 15 ޕަސަންޓެވެ. ހއ. ދިއްދޫ، ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ދ. ކުޑަހުވަދޫ، ތ. ވިލުފުށި، ގއ. ވިލިނގިލި އަދި ގދ. ތިނަދޫގެ މަގު ހެދުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 480،132،376 ރުފިޔާ އެވެ. މި ހަތް ރަށުގެ މަގު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހައުސިންގް މިނިސްޓްރީއާއި އެމްއާރުޑީސީއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ 2014 ފެބްރުއަރީ 2014 ވަނަ ދުވަހުގަ އެވެ. މަޝްރޫއުތައް ފަށައިގަތުމަށް ޓަކައި، އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ އަގުގެ 15 ޕަސެންޓު ދިނުމުގެ ބަދަލުގައި، އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން، ހައުސިންގް މިނިސްޓްރީން އެމްއާރުޑީސީއަށް އެޑްވާންސްގެ ގޮތުގައި ދީފައިވަނީ ހަތް ރަށުގެ ވެސް މަސައްކަތުގެ ޖުމްލަ އަގު ކަމުގައިވާ، 480،132،376 ރުފިޔާގެ 25 ޕަސަންޓެވެ. އެއީ 120،033،094 ރުފިޔާ އެވެ. އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރާ ޕަސެންޓް ބޮޑުކުރުމުގެ ހުއްދައަށް އެދި ހައުސިންގް މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ލިޔެފައިވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކުރެ އެވެ. އެ ސިޓީގައި ބުނެފައި ވަނީ، 2014 ޖެނުއަރީ ހަ ވަނަ ދުވަހު ހައުސިންގް މިނިސްޓްރީ އިން އޭސީސީއާއި އޮޑިޓް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށް، މަޝްވަރާ ކުރި އިރު އެފަދައިން ޚަރަދު ކުރުމަށް ނިންމި ކަމަށެވެ. އެހެން ނަމަވެސް، އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ، އެފަދައިން އެޑްވާންސް ފައިސާގެ ސީލިންގް ބޮޑުކުރެވޭނީ މާލިއްޔަތު ގަވައިދަށް އިސްލާހު ގެނެސްގެން ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ބުނި ކަމަށް ބައްދަލުވުމުގެ ޔައުމިއްޔާގައި އޮތް ކަމަށެވެ. އެހެން ނަމަވެސް ދައުލަތުގެ މާލިއްޔަތު ގަވައިދަށް އެފަދަ އިސްލާހެއް ގެނެސްފައެއް ނުވެ އެވެ. "މި މަޝްރޫއުގެ އެޑްވާންސް ފައިސާގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ 25 ޕަސަންޓު ދިނުމުގެ ހުއްދައަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ފޮނުވާފައިވާ ސިޓީގައި ސައްހަ ނޫން މައުލޫމާތުތަކެއް ހިމަނާފައިވާކަން ފާހަގަކުރަމެވެ،" އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ