ސަލްމާން މިސްކިތު އޭސީ މައްސަލަ ހައްލުކުރުމަށް ހަތް މިލިއަން ހޭދަވާނެ

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަލްމާން މިސްކިތުގައި މަރާމާތުކުރަން ޖެހޭ، އަދި ފުރިހަމަ ކުރުން މުހިންމު ގިނަ ކަންތައްތަކެއް ވެ އެވެ.
ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހަތް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 
މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ކިންގް ސަލްމާން މިސްކިތް ހުޅުވާ ބޭނުން ކުރަން ފެށީ ފުރިހަމަަަށް ތައްޔާރުނުވެ ކުއްލިއަކަށް ކަމަށާ އަދި މިދިޔަ ދުވަސްތަކުގައި އެތަނުގެ ކަންތައްތައް ބަލަހައްޓާފައި ނެތް ކަމަށެވެ. އޭސީ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ހަތް މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ ހައްޖުގެ ފަހުން ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ ކަންކަން ކުރިއަށް ދާނެ. އަޅުގަނޑުގެ އުންމީދަކީ މިއަހަރުގެ ތެރޭގައި އެތަން ހުޅުވުން، އަދި އެތަނުގެ އެންމެހާ ކަންކަން ބޭނުންކުރެވުން" މިނިސްޓަރ ޝަހީމް ވިދާޅުވި އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އުންމީދަކީ މި އަހަރުގެ ތެރޭގައި ސަލްމާން މިސްކިތް ހުޅުވުން ކަމަށާއި، އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާ ކަމަށެވެ. ސަލްމާން މިސްކިތް ހުޅުވާފައި ހުރީ ކުއްލި ގޮތަކަށް ރޯދަމަހަކާ ދިމާކޮށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެތަން ހުޅުވި އިރު ބޭނުންވާ ފަރުނީޗަރުތަކާއި ބައެއް ކަންކަން ފުރިހަމަ ނުވާކަމަށެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމަށް މީހުން ފޮނުވުމަށް ފަހު، ދެން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއްކަމަކީ ސަލްމާން މިސްކިތް ހުޅުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަލްމާން މިސްކިތް ރަސްމީކޮށް ހުޅުވުމަށް ސައުދީގެ މަގުބޫލް ޝަހްސިއްޔަތެއް ގެންނަވާނެ ކަމަށާއި، އެއީ ކޮން ބޭފުޅެއްކަން ފަހުން ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 
ހެންވޭރު ސަލްމާން މިސްކިތުގައި ނަމާދު ކުރަން ހާއްސަ ކޮށްފައި ވަނީ އެ މިސްކިތުގެ ފުރަތަމަ ބުރި އާއި ދެ ވަނަ ބުރި އެވެ. އެ ދެ ބުރީގައި އެއް ފަހަރާ 4،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އަދި މިސްކިތުގެ ބޭރުގައި ވަށައިގެން އޮތް ސަރަހައްދުގައި 6،000 މީހުންނަށް އެއް ފަހަރާ ނަމާދު ކުރެވޭނެ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް މިސްކިތެއްގައި އަންނަ އެންމެ މަތީ ނަމްބަރެވެ.މުޅި މިސްކިތުގެ އެންމެ ތިރީގައި ވަނީ ފާހާނާތަކާއި ވުލޫކުރަން އިސްކުރު ބަރިތަކެވެ. އެ ދެ ބައި ހުރީ ދެ ޖިންސުގެ މީހުންނަށް ވަކިން ބޭނުން ކުރެވޭ ގޮތަށެވެ. މުޅީން އޭސީކޮށްފައިވާ މިސްކިތުގައި ތިން ލިފްޓާއި ހަތަރު ސިޑި ހިމެނެ އެވެ.ތިން ވަނަ ބުރީގެ އެއް ބަޔާއި ހަތަރު ވަނަ ބުރި އެއްކޮށްލައިގެން ހަދާފައިވާ އޮޑިޓޯރިއަމެކެވެ. އޮޑިޓޯރިއަމްގައި 350 ގޮނޑި ޖަހާފައިވެ އެވެ. އެއީ ހިތްގައިމު ލޮބީއަކާއެކު ރާއްޖޭގެ އެންމެ ބޮޑު އެއް އޮޑިޓޯރިއަމަށް ވެއެވެ. ސަލްމާނު މިސްކިތުގެ ފަސް ވަނަ ބުރީގައި ހަދާފައި ވަނީ އެކި އިވެންޓްތައް ބޭއްވޭ ކަހަލަ މަލްޓި ޕާޕަސް ހޯލެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ