ސިވިލް ސާވިސް މުއައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ވީހާވެސް އަވަހަށް ގާއިމުކުރަންޖެހޭ: ކޮމިޝަންގެ ރައީސް

ސިވިލް ސާވިސް މުއައްޒަފުންގެ އުޖޫރައިގެ ހަމަހަމަކަން ވީހާވެސް އަވަހަށް ގާއިމުކުރަންޖެހޭކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވެއްޖެއެވެ.
ސިވިލް ސަރވިސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ނާސިހް ފޮނުއްވި މެސެޖްގައި ނާސިހް ވިދާޅުވީ، ދިވެހި ސިވިލް ސަރވިސްއަކީ ދިވެހި މަސައްކަތްތެރިންގެ ބޮޑު ބައެއް ހިއްސާކުރާ މުވައްސަސާއެއްކަމަށާއި، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކުގެ ސަބަބުން ޚިދުމަތް ދިނުމުގެ ވައްޓަފާޅިއަށް މިއަދު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށެވެ.
އެހެންކަމުން،  ޒަމާނީ ފެންވަރެއްގައި އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ދިނުމުގެ ޒިންމާއާއި ވާޖިބު އަދާކުރާ ސިވިލް ސަރވަންޓުގެވެސް ހުނަރާއި ޤާބިލްކަން މަތިކުރުމަށް މިއަދު ވަނީ އިތުރަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ނާސިހް ވިދާޅުވިއެވެ.
ނާސިހް ވަނީ މަސައްކަތުގެ އުޖޫރަ މަތިކޮށް އަދި އެ އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސިވިލް ސަރވިސްގެ ތައުލީމީ އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ބައެއް މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުންތަކެއް ލިބިފައިވާކަން ޝުކުރުވެރިކަމާއި އެކު ފާހަގަކުރައްވާފައެވެ. ނަމަވެސް، ސިވިލް ސަރވިސްގެ ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި މި ކުރިއެރުން ލިބިފައިނުވާކަމަށް ނާސިހް ވިދާޅުވިއެވެ.
ނާސިހް ވިދާޅުވީ،  މިކަމުގެ ސަބަބުން އުޖޫރައިގެ ހަމަހަމަކަން ޤާއިމްނުވެ ހޭދަވާ ކޮންމެ ދުވަހަކީ ސިވިލް ސަރވިސްގެ ދާއިރާތަކަށް ޤާބިލް މީހުން ލިބުމުގެ ދަތިކަން ތަހައްމަލްކުރަންޖެހޭ އަދި ޚިދުމަތުގައި މިހާރުވެސް ދެމިތިބި މިފަދަ މުވައްޒަފުންނަށް ނުތަނަވަސްކަމާއި މާޔޫސްކަމާއި ކުރިމަތިލާންޖެހިފައިވާ ދުވަހެއް ކަމަށެވެ.
އެހެންކަމުން ސިވިލް ސަރވިސްގެ ހުރިހާ ފަންތިތަކާއި ގިންތިތަކެއްގައިވެސް މަސައްކަތްކުރާ އެންމެހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމާއި، އުޖޫރައިގެ ހަމަހަމަކަން ޤާއިމްކުރުމުގެ މަސައްކަތް ވީހާވެސް ނިންމަވައިދެއްވުމަށް އެދި ނާސިހް ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ