8 ގައުމަކަށް ސަފީރުން އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮނުއްވި 8 ސަފީރަކަށް، ރުހުންދިނުމަށް މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ރުހުން ހޯއްދެވުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް 10 ނަން ފޮނުއްވާފައިވެއެވެ.
* އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ހުސައިން ޝަރީފް
* އިނގިރޭސިވިލާތަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. އިރުތިޝާމް އާދަމް
* އދ.ށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް ޑރ. އަލީ ނަސީރު މުޙައްމަދު
* ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް މައްސޫދު އިމާދު
* މެލޭޝިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޑރ. މަރިޔަމް ޝަބީނާ އަޙްމަދު
* ބެލްޖިއަމަށް ކަނޑައަޅުއްވާ ސަފީރުކަމަށް ގީލާ އަލީ
* ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ކަނޑައަޅުއްވާ ދާއިމީ މަންދޫބަކަށް، ޑރ. ސަލްމާ ރަޝީދު
* ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރުކަމަށް މުޙައްމަދު ލުވައިޒް
ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ޖަލްސާގައި ވިދާޅުވީ، ދެ ބޭފުޅެއްގެ ވަނަވަރު އަދި ކޯޓުން ސާފު ނުވާތީ އެބޭފުޅުންގެ އިންޓަވިއު ނުބާއްވާކަމަށެވެ. އެހެންކަމުން އެ ދެބޭފުޅުންނަށް ރުހުން ހޯދުމަށް ވޯޓު ނަގާފައިނުވާކަމަށެވެ.
ސަފީރުންގެ ގޮތުގައި އައްޔަންކުރަން ރައީސް ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން ކޮމެޓީން އަދި ގޮތެއް ނިންމާފައި ނުވަނީ ޗައިނާގައި ހުންނަވާ ދިވެހި ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި ބަންގްލަދޭޝްގައި ހުންނަވާ ސަފީރުކަމަށް އައްޔަންކުރައްވަން ފޮނުއްވާފައިވާ ޝިއުނީން ރަޝީދުއެވެ.
ބޭރުޤައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްޙޫރިއްޔާ، 10 ނަމެއް ފޮނުއްވާފައިވާއިރު، އެނަންތައް ފާސްކުރުން ލަސްވެފައިވާތީ، އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ