ގައުމީ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މިއަދުން ފެށިގެން އަންނަ މޭ މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް ފުރުސަތު ހުޅުވާލާފައިވާއިރު، ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދެ ދާއިރާއެއް މިހާރު ވަނީ އިތުރު ކޮށްފައެވެ.
އޭގެ ތެރެއިން އެއް ދާއިރާއެއްގައި ގޮތުގައި ދިވެހި ޤައުމިއްޔަތުގެ ދާއިރާ ހިމެނޭއިރު، އެދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.
ޤައުމީ އިނާމާބެހޭ ކޮމިޓީން އިތުރުކުރައްވާފައިވާ އަނެއް ދާއިރާއަކީ، ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބައްލަވާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ޚާއްޞަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމަޢުން ބަލައިގެންފައިވާ ޚާއްޞަ ޚިދުމަތަށާއި، ދިވެހި ދައުލަތުގެ ޙިމާޔަތުގައި ކޮށްފައިވާ ޚާއްޞަ ޚިދުމަތަށެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.
ޤައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ރައީސް އޮފީހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ