މީމުން ގެއްލުނު ދޯނީގައި މާފުށި ޑައިވްގެ ވެރިޔާ ސިމްބެ

މި ދޯންޏަކީ މާފުށި ޑައިވްގެ ވެރިޔާގެ ދޯންޏެކެވެ. މި ދޯނީގައި ތިބި އެއްވެސް މީހަކަށް އިއްޔެ ހަވީރުން ފެށިގެން ނުގުޅެ އެވެ.
މީމު އަތޮޅުން ފަރު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދާ ދޯނީގައި މާފުށި ޑައިވްގެ އޯނަރު އަދި މޫދުކުޅިވަރުގެ ވަސީލަތް އެންމެ ފުޅާކޮށް މާފުށީގައި ހިންގާ ޒުވާން ވިޔަފާރިވެރިޔާ އާސިމް މުހައްމަދުފުޅު (ސިމްބެ) ހުރި ކަން އެނގިއްޖެ އެވެ. ދިވެހި ސިފައިން ޑްރޯން ބޭނުންކޮށްގެން ރެއިން ފެށިގެން ހޯދަމުން ދާ "ފަރިހި 2" ނަކަމަށް ކިޔާ ކުޑަ ޑައިވިން ދޯންޏަކީ ސިމްބެ ދޯންޏެކެވެ. މިހާތަނަށް މި ދޯނީގެ އެއްވެސް ހިލަމެއް ނުވެ އެވެ. 
"މިރާ" އަށް އެނގިފައިވާ ގޮތުން މި ދޯނިން މ. މަޑުއްވަރި އަށް ކެޔޮޅުކަމު ދާން ދަތުރުކޮށްފައިވަނީ ސިމްބެ އާއި މާފުށީގެ އިތުރު ފިރިހެނަކާ މާފުށީގައި މަސައްކަތް ކުރާ ކުޅުދުއްފުށީ މީހެކެވެ. މި ދޯންޏަކީ މާފުށި ޑައިވްގެ ވެރިޔާ ސިމްބެ މޫދުކުޅިވަރުތަކާއި ޑައިވިންގެ މަސައްކަތްތަކުގައި ބޭނުން ކުރާ އުޅަނދެކެވެ. ސިމްބެއަކީ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ބޯޑު މެންބަރެކެވެ. 
މައުލޫމާތު އެނގޭ މީހަކު "މިރާ" އަށް ކިޔައިދިން ގޮތުގައި ސިމްބެ އާއި އެކުވެރިން މީގެ ކުރިން ވެސް މިގޮތަށް މަސްވެރިކަން ކުރަން މ. އަތޮޅަށް ދެ އެވެ. އެ ދޯންޏަކީ މިގޮތަށް މަސްވެރިކަން ކުރަން މ. އަތޮޅަށްދާއިރު ބޭނުން ކުރަން މ. މަޑުއްވަރީ ފައްތިޔާގައި ބާއްވާފަ އޮންނަ ކުޑަ ދޯންޏެކެވެ. ޓޫޓީ ކުޑަ އިންޖީނެއް އަޅާފައިވާ މި ކުޑަ ޑައިވިން ދޯނި މި ފަހަރުގެ ދަތުރަށް ފުރީ ވެސް ފެނާއި ކޮއްތު ހިފައިގެންނެވެ. 
"މާފުށިން ލޯންޗުގައި ގޮސް މަޑުއްވަރިން ފުރީ. ފުރިގޮތަށް ހަބަރެއް ނުވޭ،" މައުލޫމާތު އެނގޭ މީހަކު "މިރާ" އަށް ކިޔައިދިނެވެ. 
އެނގިފައިވާ ގޮތުގައި އިއްޔެ ހަވީރުން ފެށިގެން ދޯނީގައި ތިބި އެއްވެސް މީހަކަށް ނުގުޅެ އެވެ. މާފުށީ "ފަރިހި 2" ގެއްލިގެން ދިވެހި ފުލުހުން ސިފައިންނަށް އަންގާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެ ވަގުތުން ފެށިގެން ދިވެހިންގެ ކޯސްޓްގާޑް ހާބާ ކްރާފްޓް 114 ލޯންޗުން ވަނީ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އަދި ފަހުން ސިފައިންގެ ޑްރޯންތައް މާފަރުން ފުރުވާލައިގެން ޑްރޯން ބޭނުންކޮށްގެން ވެސް ދަނީ ހޯދަމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ