ކެމްޕޭނަށް ބޭރު ގައުމަކުން، ބައެއް އަތުން ފައިސާއެއް ނުހޯދަން: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބޭރު ގައުމަކުން ނުވަތަ ބައެއްގެ އަތުން ފައިސާއެއް ހޯދާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަދި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ހދ. ފިނޭގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އެއް ބަޔަކު ބޭނުން ވާނީ ﷲ ގެ މަގުގައި އިހްލާސްތެރިކަމާ އެކުގައި މަސައްކަތްކޮށްގެން ލިބޭ އެއްޗެއްގެ ބޭނުންކޮށްގެން އަނބިދަރިންނަށް ކާންދީ ބޯންދީ ހަދަން ކަމަށެވެ.
އަނެއް ބަޔަކު ބޭނުން ވަނީ އަނގައިގެ ތެރޭގައި އޮތް "ގޮހޮރު" ދަމައިގަނެގެން ވެސް ލިބުނު އެއްޗެއް ނަގައިގަނެގެން ދާން ކަމަށެވެ. ތިމާ އަށް އެހީތެރިވި، ފަރާތަށް ޝުކުރު އަދާކުރުމުގެ ބަދަލުގައި އެމީހުން އިސް ކުރަނީ އަނިޔާކޮށް ބަޔަކު މަގުފުރައްދަން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އެހެންވެ، ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނެވީ ރާއްޖެ އަށް އަމާންކަން ހޯދައިދީ، ދިވެހިންނަށް ތަނަވަސްކަމާއި އުފާވެރިކަމާއި ރޯޝަނީ ކަން ހޯދައި ދިނުމަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"ތިޔަބޭފުޅުން ގަބޫލު ކުރެއްވިޔަސް، ނުކުރެއްވިޔަސް މި ދެންނެވި ގޮތަށް ނޫން ގޮތަކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން. އަޅުގަނޑު ބޮޑު ވަޒީފާއެއް ހޯދުމަށް ވެސް މަސައްކަތެއް ނުކުރަން. އަޅުގަނޑު އަދާ ކުރި މަގާމެއް އަދާ ކުރީ މި އިސްލާހީ އެޖެންޑާ ކުރިއަށް ގެންދިއުމަށް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރިޔާސީ ކެމްޕެއިނަށް ބޭރު ގައުމެއް އަތުން ފައިސާ ހޯދާފައި ނުވާނެ ކަމަށެވެ. އަދި އެހެން މީހުންނަށް އުނދަގޫކޮށްގެން، ވަކި މީހެއްގެ ޖީބަށް ވެއްޓިގަނެގެން ހޯދި ފައިސާއެއް ނޯންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑު ދާ އޮހޮރުވައިގެން ލޭ އޮހޮރުވައިގެން ކުރި މަސައްކަތުން ލިބޭ އެއްޗަކުން ހަރަދުކޮށްގެން މަސައްކަތް މި ކުރަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ފެނަކަ އާއި ރޯޑް ކޯޕްރޭޝަން ފަދަ ކުންފުނިތަކުގެ މުވައްޒަފުން ނެރެގެން ރަށް ޒީނަތްތެރިކޮށް ހަދަމުން އަންނާތީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެކަން ކުރަނީ އިންތިހާބީ ގާނޫނާ ހިލާފަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދައުލަތުގެ އެއްޗިއްސަށް ހަރާންކޯރު ވަނީ، މިއީކީ އެކަން ކުރަން އޮތް ގޮތެއް ނޫން. މިއީ ހަޑި ހުތުރު އަމަލެއް، މުޑުދާރު އަމަލެއް މިއީ. މިކަންކަމުން ދިވެހި ރައްޔިތުން ސަލާމަތްވާން ޖެހޭ،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ