ރާއްޖޭގެ ކްރެޑިޓް ރޭޓިންގެ އައުޓްލުކް ސްޓޭބަލް އަށް ބަދަލުކޮށްފި
ބޭރުގެ ދަރަނިތައް ނުދެއްކިދާނެ ކަމުގެ ހިރާސް ބޮޑު ކަމަށް ބަލައި ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ދަމަހައްޓަ ދަމަހައްޓައިފި އެވެ."ސީއޭއޭ-1" ގައި މިދިޔަ އަހަރުގެ މެދުތެރޭ ހުރި ރާއްޖޭގެ ރޭޓިން "ސީއޭއޭ-2" އަށް މޫޑީސްއިން ދަށްކުރީ ސެޕްޓެމްބަރު 11، 2024 ގަ އެވެ. ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑުވުމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.މިއަދު ނެރުނު ރޭޓިން އެކްޝަންގައި ވެސް އެ ރޭޓިން އަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް، ކުރިން "ނެގެޓިވް" ގައި އޮތް ރޭޓިން އައުޓްލުކް މިހާރު ވަނީ "ސްޓޭބަލް" އަށް ބަދަލުކޮށްފަ އެވެ. އޭގެ މާނައަކީ ރޭޓިންއަށް ބަދަލެއް އައުމުގެ ފުރުސަތެއް ނެތުމެވެ.މޫޑީސްއިން ވަނީ، މިދިޔަ މަހު ބޭރު ފައިސާގެ ރިޒާވްގައި 859 މިލިއަން ޑޮލަރު ހުރި ކަމަށާއި އޭގެ ތެރޭގައި ތިން މަހުގެ އިމްޕޯޓަށް ފައިސާ ދެއްކޭ ވަރަށް ހުރި ކަމާށް ބުނެފައެވެ. އަދި އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިޒާވްގައި ހުރި 364 މިލިއަން ޑޮލަރާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެއްކަން މޫޑީސްއިން ފާހަގަކުރިއެވެ.ހަމައެއާއެކު މިދިޔަ އަހަރު އެސްޑީއެފްގައި ހުރީ 15 މިލިއަން ޑޮލަރު ނަމަވެސް މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް އެ އަދަދު 126 މިލިއަން ޑޮލަރަށް އިތުރުވިކަން މޫޑީސްގެ ބަޔާނުގައިވެއެވެ.އެހެންކަމުން، މާލީ ގޮތުން ބަލާއިރު ރާއްޖެ މިހާރު އޮތީ ދަރަނި ދެއްކުމަށް ކުރިއަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށް މޫޑީސްއިން ބުންޏެވެ. ނަމަވެސް، މިހާރު އޮތް ހާލަތަކީ އަދިވެސް މާލީ ގޮތުން އެންމެ ރަނގަޅު ހާލަތެއް ނޫންކަން މޫޑީސްއިން ފާހަގަކޮށްފައި ވެއެވެ. އަދި ކްރެޑިޓް ރޭޓިން ސީއޭއޭ2ގައި ދަމަހައްޓަން ޖެހެނީ އެހެންވެ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.މޫޑީސްގެ އައުޓްލުކް ހަތަރު ބަޔަކަށް ބެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕޮޒިޓިވް، ނެގެޓިވް، ސްޓޭބަލް އަދި ޑިވެލޮޕިން އެވެ. އޭގެ ތެރެއިން ކުރިން ރާއްޖެއަށް ދީފައި އޮތް 'ނެގެޓިވް' އައުޓްލުކްގެ މާނައަކީ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ ފުރުސަތު ބޮޑު ކަމެވެ. އަދި މިހާރު ދީފައިވާ 'ސްޓޭބަލް' އައުޓްލުކްގެ މާނައަކީ، މެދުރާސްތާގައި ކްރެޑިޓް ރޭޓިންއަށް އެއްވެސް ބަދަލެއް އައުމުގެ ފުރުސަތު ކުޑަ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ