ލަންދޫ ހެލްތު ސެންޓަރުގައި ހުރި ލެބޯޓްރީ މެޝިނެއް ގެންދަން އުޅުމުން ރައްޔިތުން ނިކުމެ އެކަން ހުއްޓުވައިފި

ރައީސް ޔާމީންގެ ސަރުކާރުން، ނ. ލަންދޫ ހެލްތް ސެންޓަރުގައި ޤާއިމު ކުރަން ހަމަޖެއްސި، ލެބޯޓްރީގައި ބޭނުންކުރުމަށް 2018 ވަނަ އަހަރުގެ ފަހުކޮޅު އެރަށަށް ފޮނުވާފައި ހުރި ބައޯ ކެމިސްޓްރީ އެނަލައިޒަރ މެޝިން އެރަށުން ގެންދިއުމަށް މަސައްކަތް ކުރުމުން ރައްޔިތުން ނިކުމެ އެކަން ހުއްޓުވައިފިއެވެ.
މި މެޝިން، ހެލްތް މިނިސްޓްރީއަށް ފޮނުވުމަށް ލަންދޫ ހެލްތް ސެންޓަރަށް އަންގާފައިވަނީ މިދިޔަ ހަފްތާގައި އެ މިނިސްޓްރީން ހެލްތު ސެންޓަރަށް ފޮނުވާފައިވާ ފެކްސް މެސެޖެއްގައެވެ.
މިކަމާއި ގުޅޭގޮތުން "ވަގުތަށް" މަޢުލޫމާތު ދެއްވަމުން، މި ވަގުތު ލަންދޫ ހެލްތް ސެންޓަރ ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރ، އަހުލާމް ޢަބްދުއްޞަމަދު ވިދާޅުވީ، މިނިސްޓްރީގެ އެންގުމާއި ގުޅިގެން މިއަދު ފުރާ ބޯޓުން އެ މެޝިން މާލެ ފޮނުވާލަން ތައްޔާރުކޮށްފައިވާ ކަމަށާއި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން، އެ މެޝިން ފޮނުވާލެވިފައި ނުވާ ކަމަށެވެ.
"މިދިޔަ ހަފްތާގަ މިނިސްޓްރީ އެންގީ އެ މެޝިން ފޮނުވަން. ދެން މިއަދު ފުރާ ބޯޓުން ފޮނުވާލަން ރެޑީ ކޮށްފަ ހުންނާނީ. ނަމަވެސް ރައްޔިތުން ނިކުމެ އެކަމާ އަޑުއުފުލުމާ ގުޅިގެން އަތޮޅު ހޮސްޕިޓަލުން އަންގާފަ އޮތީ ވަކި އެއްޗެއް މިނިސްޓްރީން އަންގަންދެން އެ މެޝިން ބަހައްޓަން." އަޙުލާމު ވިދާޅުވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން އަޙުލާމު ވިދާޅުވީ، އެ މެޝިން ފޮނުވަން އެންގި ވަކި ސަބަބެއް އެނގިފައިނުވާ ކަމަށާއި، ލަންދޫގައި ލެބޯޓްރީއެއް ޤައިމުވެގެން ދާއިރު އެ މެޝިނަކީ މުޙިއްމު މެޝިނެއް ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ރައީސް އޮފީހުން ހަމަޖެއްސި މަޤާމެއްގެ ގޮތުގައި ލަންދޫ ހެލްތް ސެންޓަރުގެ ހިންގުން ބޭފުޅަކާއި ހަވާލުކުރިއެވެ. ނަމަވެސް މި ސަރުކާރު އައުމަށް ފަހު އެ މަޤާމު ވަނީ އުވާލާފައެވެ. އަދި މިވަގުތު ހެލްތް ސެންޓަރ ހިންގަމުންދަނީ މެނޭޖަރެއްވެސް ނެތި ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ