ދިވެހިންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަކީ އަޅުގަނޑަށް ކުރެވޭ އެންމެ މަތިވެރި މަސައްކަތް: ގާސިމް

ދިވެހި ދަރިންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ މަތިވެރި މަސައްކަތުގެ ގޮތުގައި ދެކެވަޑައިގެން އެންމެ ޝައުގުވެރިކަމާ އެކު ކުރައްވާ މަސައްކަތް ކަމަށް ވިލާ ކޮލެޖުގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވި މިއަދު ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ވިލާ ކޮލެޖުގެ ގުރެޖުއޭޝަން ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ގާސިމް އިބްރާހިމް ވިދާޅުވީ ހަޔާތުން ހޭދަވާ ކޮންމެ ދުވަހަކީވެސް އެމަނިކުފާނު މުހިއްމު ނިންމުންތަކެއް ނިންމަވާ ދުވަހެއް ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ނިންމެވުނު އެންމެ މުހިއްމު އަދި އެންމެ ކާމިޔާބު ނިންމެވުމަކީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރު ފަދަ ތައުލީމީ ދާއިރާގެ ގާބިލް ބޭފުޅަކާ އެކު ވިލާ ކޮލެޖު ވުޖޫދަށް ގެނެވުން ކަމަށްވެސް ވިދާޅުވި އެވެ.
"ޑރ. އަހުމަދު އަންވަރުގެ ބެއްލެވުމުގެ ދަށުން ވިލާ ކޮލެޖު ހިންގައި ތަރައްގީ ކުރުމަކީ އަޅުގަނޑަށް ނިންމެވުނު އެންމެ ކާމިޔާބު ނިންމެވުން. ޑރ. އަންވަރަކީ ތައުލީމާއި ތަޖުރިބާގެ ބޮޑު ހަޒާނާއެއް. ދިވެހިރާއްޖެގެ ކޮންމެ ރަށަކަށް އެތައް ފަހަރަކު ވަޑައިގެން ދިވެހިންގެ ހާލަތު ވަރަށް ރަނގަޅަށް ބައްލަވާފައިވާ ބޭފުޅެއް [ޑރ. އަންވަރަކީ]. އެކަމުގެ ހެކި ރާއްޖެގެ ހުރިހާ ކަންކޮޅަކުންވެސް ފެންނަމުންދޭ. މާލެގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިލާ ކޮލެޖުގެ އެކި ކެމްޕަސްތައް ހުރުން އެއީ އެކަމުގެ ހެއްކެއް،" ވިލާ ކޮލެޖުގެ ރެކްޓާ އަންވަރަށް ތައުރީފް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރު ވިލާ ކޮލެޖަށް 11 އަހަރު ފުރިފައިވާއިރު އެމަނިކުފާނު އެ ކޮލެޖާއި މެދު ދެކޭ ވަރަށް ފޮނި ހުވަފެންތަކަކާއި ކުރައްވާ އުއްމީދުތަކެއްވާ ކަމަށެވެ. އެގޮތުން ވިލާ ކޮލެޖާ މެދު މިހާރު ކުރައްވާ އެންމެ ބޮޑު އުއްމީދަކީ ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ އުއްމީދު ކަމަށްވެސް ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި ޔުނިވާސިޓީ ލެވެލްގައި ތައުލީމު ފޯރުކޮށްދިނުމުގެ ފެންވަރު އެބަހުރިކަމާއި ޔުނިވާސިޓީއަކަށް ހެދުމަށް އިތުރު ހުރަހެއް ނެތްކަން މަތީ ތައުލީމުދޭ ތަންތަން ވަޒަން ކުރުމާ ހަވާލުވެ ތިބި އިދާރާތަކަކުން މީގެކުރިން ބުނެފައިވާ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ. އާ ސަރުކާރެއް އިންތިހާބުވެފައިވާތީ އާ ސަރުކާރު ވެރިކަމާ ހަވާލުވެ ގައުމު ހިންގަން ފެށުމާއެކު ވަރަށް އަވަސް މުސްތަގުބަލެއްގައި އެހުވަފެނުގައި ކުލަ ޖެހިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ މި އުއްމީދު ގުޅިފައިވަނީ ވިލާ ކޮލެޖުން ދެވޭ ތައުލީމުގެ ކުރިއެރުމަށް ދިވެހި ދަރިންނަށް ފަހިވުމަށް އުއްމީދު ކުރާ ތައުލީމުގެ ފުރުސަތުތައް އިތުރަށް ފުޅާވެގެން ދިއުމަށް. މަތީ ތައުލީމުދޭ ތަންތަން ވަޒަންކުރުމުގެ ހަމަތަކުން ވިލާ ކޮލެޖު އަބަދުވެސް ވަޒަންކޮށް ޔުނިވާސިޓީ ދަރަޖަ ހޯދުމަށް މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް ވިލާ ކޮލެޖު ވަޒަންކޮށް ޔުނިވާސީޓީއަކަށް ހެދުމަށް ހުރަހެއް ނެތްކަން ރިޕޯޓުތަކުގައި ފާހަގަކޮށްފައިވޭ" ގާސިމްގެ އުއްމީދު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގިނަ ދަރިވަރުންތަކެއް ގްރެޖުއޭޓްވާއިރު އޭގެ ފަހަތުގައި ވަރަށް ބޮޑު އަދި ބުރަ މަސައްކަތްތަކެއްވާނެ ކަމަށެވެ. އެގޮތުން ކޮންމެ ދަރިވަރެއްގެ އާއިލާއިންވެސް ވާނީ ބޮޑު ހޭދައެއްކޮށް ބޮޑެތި ގުރުބާނީތަކެއް ވެފައި ކަމަށް ވިދާޅުވި އެވެ. އެފަދަ ބޮޑު ގުރުބާނީއަކާއި އެކު ކޮންމެ އާއިލާއަކުންވެސް ކުރާ ވަކިވަކި އުއްމީދުތަކެއް ހުންނާނެކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ އާއިލާއަކުންވެސް ދެކެން ބޭނުންވާނީ އޯގާތެރި، މައްސޫލިއްޔަތު އަދާ ކުރުމުގައި ތެދުވެރި، ފިސާރި މުރާލި، ނަތީޖާ ނެރޭ ހެޔޮ ގޮތުގައި ހޭދަ ކުރާ ގާބިލް ދަރިއަކު ބިނާވެގެން އަންނަ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ވިލާ ކޮލެޖުގެ ރެކްޓާއިން ފެށިގެން ހުރިހާ މަގާމެއްގައި ތިބި ހުރިހާ މުވައްޒަފުންނާއި ގާބިލް އުސްތާޒުންގެ މަސައްކަތާއި އެކު ވިލާ ކޮލެޖުން ހަރުދަނާ ގާބިލް ދަރިންތަކެއް ކުރިއަށް އޮތް ޖީލު ބިނާ ކުރުމަށް އުފައްދާފައިވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި ވިލާ ކޮލެޖުން ދަސްވެނިވާ ކޮންމެ ދަރިވަރަކުވެސް އާއިލާގެ ހިތްހަމަޖެހުމާއި ގައުމުގެ ތަރައްގީއަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ގާސިމް އިބްރާހީމް ވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ހަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި އެތައް ސަތޭކަ ޒުވާނަކަށް ތައުލީމުގެ ފުރުސަތު ހޯދައިދީ ތައުލީމީ ޒުވާނުންތަކެއް ގައުމީ ހިދުމަތަށް ނެރެދެއްވާފަ އެވެ. ދިވެހި ޒުވާނުންނަކީ ތައުލީމީ ގާބިލް ބަޔަކަށް ހެދުމަށް މިއަދު ވެސް އެންމެ ބޮޑު އިންވެސްޓެއް ކުރައްވަމުން ގެންދަވާ އެއް ބޭފުޅަކީ ގާސިމް އިބްރާހީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ