800 ކިލޯވޮޓުގެ ޖަނަރޭޓަރަކާއެކު ކުޅުދުއްފުށިން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް

ހދ. ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން 800 ކިލޯވޮޓުގެ ޖަނަރޭޓަރެއް އެރަށަށް ގެންގޮސް އެ މައްސަލަ ހައްލުކޮށްފިއެވެ. ކުޅުދުއްފުށިން މައުލޫމާތު ދިން މީހަކު "ސަން"އަށް ބުނީ އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވާތާ ދުވަސްތަކެއް ވެފައި ވާކަމަށާއި ކޮންމެ ދުވަހަކުވެސް އެތައް އިރަކަށް ކަރަންޓު ކަނޑައިގެންދާ ކަަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމަށް އޮތީ ހައްލެއް ނުލިބި ކަމަށެވެ. ކުޅުދުއްފުށީގައި އިންޖީނުގެ ހިންގަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެ ކޯޕަރޭޝަނުން މިއަދު ބުނީ އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވަނީ އެ ރަށުގައި ބޭނުން ކުރާ އެއް މެގަވޮޓުގެ ޖަނަރޭޓަރަށް މައްސަލަ ދިމާވުމުން ކަމަށެވެ. އެ މައްސަލަ ދިމާވާން ފެށީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން ކަަމަށްވެސް ވަނީ ބުނެފައެވެ. ފެނަކައިން ބުނީ އެރަށަށް ކަރަންޓު ދިނުމަށްޓަކައި 800 ކިލޯވޮޓުގެ މުޅިން އާ ޖަނަރޭޓަރެއް އިއްޔެ އިންސްޓޯލްކޮށްފައިވާ ކަމަށާއި އެ ރަށުގައި އޮތް ކަރަންޓުގެ ޑިމާންޑަށް ބަލާއިރު އެއީ މިވަގުތައް އޮތް ހައްލެއް ކަމަށެވެ. ކުޅުދުއްފުށީގައި މިވަގުތު ކަރަންޓު ދިނުމަށް ފަސް ޖަނަރޭޓަރު ބަހައްޓާފައިވާއިރު ހަލާކުވެގެން ބޭނުން ކުރުން ހުއްޓާލާފައިވާ އެއް މެގަވޮޓުގެ ޖަނަރޭޓަރުގެ މަރާމާތުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ