މޫސުން ގޯސްވާނެތީ އެލާޓް ނެރެފި

މޫސުން ގޯސްވާނެތީ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ވަނީ ހއ. އަތޮޅާއި ކ. އަތޮޅާ ދެމެދު އަދި ގއ. އަތޮޅާއި ސ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 4:00 ން މިރޭ 9:00 އާ ހަމައަށެވެ.
މީޓިއޮރޮލޮޖީން ބުނި ގޮތުގައި އެ ދެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މީޓިއޮރޮލޮޖީން ބުނެއެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
އުތުރާއި މެދުތެރޭގެ ކަނޑުތައް ޢާއްމު ގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.
ވައިގަދަވެ ކަނޑުތައް ޚާއްސަކޮށް އުތުރާއި މެދުތެރޭގައި ގަދަވާނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މީޓިއޮރޮލޮޖީން ބުނި ގޮތުގައި މިރޭވެސް ދިޔަވަރު އެންމެ ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖޭގެ އުތުރުގައި މިރޭ ދިޔަވަރު ބޮޑުވާނީ 21:34 ގައި ކަމަށާއި މެދުތެރޭގައި ދިޔަވަރު ބޮޑުވާނީ 23:02 ގައި ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ. ދެކުނުގައި ދިޔަވަރު ބޮޑުވާނީ 23:58 ގައި ކަމަށް މީޓިއޮރޮލޮޖީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ