ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޮންގްރެސްގައި އެޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް އެ ޕާޓީގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ދާއިމީ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމަށް ނިންމީ ޕާޓީ އުފެދިގެން އައީ ވެސް އިސް ސަފުގައި މަސައްކަތްކުރެއްވި ބޭފުޅުން އެމަނިކުފާނަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށާއި ކުރިއަށް އޮތް ތާނގާގައި ވެސް ޕާޓީ ހަރުދަނާކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމެވެ.
"އެހެންވީމަ ކުރިއަށް އޮތް ތަނުގައިވެސް ޕާޓީ އިތުރަށް ހަރުދަނާ ކޮށް އިތުރަށް ކުރިއަށް ގެންދިއުމުގަ ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ބޭނުންވާތި ޕާޓީގެ މެމްބަރުން އެދިވަޑައިގަންނަވާ ކަމަށް ވަންޏާ އަޅުގަނޑު ހަމަ ޕާޓީގެ ރައީސްކަމުގަ ހުންނަން ގަސްތުކުރަން، އެހެންވީމާ އިރާދަކުރެއްވިޔާ ކުރިމަތިލާނަން،" 30 އަހަރުވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެމަނިކުފާނު ރައީސްކަމަށް ކުރިމަތިލެއްވުމަކީ ޕާޓިގައި ޒުވާނުންނަށް ފުރުސަތު ނެތްކަމަށް ބުނެވޭނެ ޖާގަ އޮތް ކަމެއް ނޫން ކަމަށާއި ދުނިޔޭގެ އެހެންތަންތާންގައި ވެސް ޕާޓީގެ އެންމެ މަތީ މަގާމުގައި ހުންނަނީ ތަޖުރިބާ ހުރި ތަންކޮޅެއް ދުވަސްވީ މީހެއް ކަމަށެވެ.
އަދި އެއްވެސް ގައުމެއްގައި ލީޑާޝިޕްގައި ހުންނަ ބޭފުޅަކީ ޕާޓީގައި ހުންނަ އެންމެ ހަގު މީހާ ނޫން ކަމަށާއި ޕާޓީގައި އޮންނަނީ އެންމެ މަގާމަކަށް ނުވާތީ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ޕާޓީގައި އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ ޒުވާނުންނަށް ވަރަށް ގިނަ ފުރުސަތުތައް މި ޕާޓިން އޮންނާނީ ހުޅުވާ ލެވިފަ. ދުނިޔޭގަ އެހެން ތަންތާގައިވެސް އަޅުގަނޑަކަށް ހިއެއް ނުވޭ ޕާޓީގެ އެންމެ މަތީ މަގާމުގައި ހުންނާނީ އެ ޕާޓިއެއްގަ ހުރި އެންމެ ޒުވާ މީހާ ހެންނެއް. ހުންނާނީ ތަޖުރިބާ ހުރި ތަންކޮޅެއް ދުވަސްމީ މީހެއް،" މައުމޫން ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި، ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމާއި ބެހޭގޮތުން ސުވާލުކުރެއްވުމުން މައުމޫން ވިދާޅުވީ އެކަމާ މެދު ގޮތެއް ނިންމަވާނީ ވަގުތު ޖެހުމުން ކަމަށާއި ވާދަނުކުރައްވާ ހާލަތެއްގައި ވެސް ޕްރައިމަރީގެ ކެމްޕޭންގެ ތެރޭގައި ވަކި ބޭފުޅަކަށް ތާއީދުނުކުރައްވާނެ ކަމަށެވެ.
ޕީޕިއެމްގެ ދާއިމީ ރައީސްކަމަށް ކުރިމަތި ލައްވާނެކަން ރައީސް މައުމޫން ވިދާޅުވެފައި ވާއިރު އެ ޕާޓީގެ ނައިބު ރައީސްކަމަށް ކުރިމަތި ލައްވާނެކަމަށް މިހާތަނަށް އިއުލާންކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހްލޫފް އާއި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކާއި މިހާރުވެސް އެ ޕާޓީގެ ވަގުތީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.
ޕީޕީއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް މައުމޫން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ