ފިއުލް ސާޗާޖް ނެގުން ހުއްޓާލުމުން ކަރަންޓް ބިލް ދަށްވާނެ - ސްޓެލްކޯ

ސްޓެލްކޯއިން ނަގަމުން އަންނަ ފިއުލް ސާ ޗާޖް ނެގުން ހުއްޓާލުމުން ކަރަންޓް ބިލްގެ 50 ޕަސެންޓް ދަށްވެގެންދާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ބުނެފި އެވެ.
ސްޓެލްކޯއިން މިއަދު ވެލާނާގެ ޕްރެސް ހޯލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވީ، ކަރަންޓް ބިލް މިހާރު ބޮޑުވެފައިވަނީ ސްޓެލްކޯއިން ފިއުލް ސާޗާޖް ނަގާތީ ކަން ގަބޫލުކުރެވޭކަމަށާއި ނަމަވެސް ފިއުލް ސާޗާޖް ނެގުން ހުއްޓެން އަންނަނީ ސްޓެލްކޯއަށް އާމްދަނީ ލިބޭނެ އިތުރު ގޮތެއް ހަމަޖެހިގެންކަމަށެވެ.
"ސްޓެލްކޯއިން މިހާރު ނަގަމުން އަންނަ ފިއުލް ސާޗާޖް ހުއްޓޭނީ މިހާރު ލިބޭ އާމުދަނީ އިތުރު ކުރެވިގެން، އެގޮތުން މިހާރު ލިބޭ އާމްދަނީން ފިއުލް ސާޗާޖް އުނިކުރުމުން އޭގެ ބަދަލުގައި 400 މިލިއަން ރުފިޔާ ލިބޭނެ ވިޔަފާރިއެއް ހޯދިގެން ފިއުލް ސާޗާޖް ކަނޑާލެވޭނީ،" ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތެޔޮ ލިބޭނެ އަގު ހެޔޮ ގޮތްތަކެއް ރޭވުމަށް ސަރުކާރާއި އެކު މަޝްވާރާކުރަމުންދާ ކަމަށާއި ސްޓެލްކޯއިން ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތައް ކުޑަކޮށްގެން ނަމަވެސް ކަރަންޓު ބިލް ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ކަރަންޓްގެ މައްސަލަތައް ހައްލުކުރުމަށް އެކި ބުރު މަތިން 2 ޕްރޮޖެކްޓެއްގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން އެމެޖެންސީ ޕަވަރ ޕްރޮޖެކްޓް ފަށައި، އޭގެ ދަށުން 15 އިންޖީނު ބެހެއްޓިފައިވާ ކަމަށާއި އަދި މިހާރު ކުރިއަށްދާ ފޯތު ޕަވަރ ޕްރޮޖެކްޓްގެ ދަށުން ބޮޑު ދެ އިންޖީނުގެ ބެހެއްޓުމުގެ މަސައްކަތް ކުރެވުންދާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ