ބްރެޒިލްގެ ސަރުކާރުން ކޮވިޑާ ގުޅިގެން އަމަލު ކުރި ގޮތް ސެނެޓުން ތަހުގީގު ކުރަނީ

ބްރެޒީލިއާ (އޭޕްރިލް 28): ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯގެ ސަރުކާރުން ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން އަމަލު ކުރި ގޮތުގެ ތަހުގީގެއް އެގައުމުގެ ޕާލިމެންޓުގެ ސެނެޓުން ފަށައިފި އެވެ. ބްރެޒިލްގެ ސެނެޓުން ތަހުގީގު ކުރަން ހަމަޖެހިފައި ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ފިޔަވަޅު އެޅުމުގައި އެގައުމުގެ ފެޑެރަލް ނުވަތަ ސްޓޭޓް އޮފިޝަލުން އިހުމާލުވެ، ކޮރަޕްޓު އަމަލުތައް ހިންގާފައިވޭތޯ އެވެ. އަދި ރައީސް ބޮލްސޮނާރޯ އާއްމު ސިއްހަތާ ގުޅުން ހުރި ފިޔަވަޅުތަކަށް ހުރަސް އެޅުއްވިތޯވެސް ސެނެޓުން ބަލާނެ އެވެ. މީގެ އިތުރުން މިއަހަރުގެ ކުރީކޮޅު މަނައުސް ސިޓީގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔަ އިރު ހޮސްޕިޓަލްތަކުން އޮކްސިޖެން އާއި އެހެނިހެން ސިއްހީ އާލާތްތައް ހުސްވި މައްސަލަވެސް ތަހުގީގު ކުރާނެ ކަމަށް ސެނެޓުން ބުންޏެވެ. ބްރެޒިލްގެ ސަރުކާރުގެ އަމަލުތައް ތަހުގީގު ކުރާ ސެނެޓަރުންނަށް، ބަލިމަޑުކަމާ ގުޅުން ހުރި ލިޔެކިޔުންތައް ހަވާލު ކުރުމަށް އަމުރު ކުރުމާއި ހެކިވެރިން ހާޒިރު ކުރުމުގެ ބާރު ލިބޭނެ އެވެ. އަދި ސެނެޓުން ނިންމާ ގޮތެއް ފުލުހުންނަށް ނުވަތަ ކަމާ ގުޅުން ހުރި އިދާރާތަކަށް، އިތުރު ފިޔަވަޅު އެޅުމަށް ފޮނުވޭނެ އެވެ. ބޮލްސޮނާރޯ ވަނީ ކޮވިޑްގެ ނުރައްކާ ކުޑަ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ފުރަބަންދު ކުރުން ފަދަ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސަރުކާރުން ވަނީ ކޮވިޑް ވެކްސިން ގަތުންވެސް ލަސްކޮށްފަ އެވެ. ބްރެޒިލް އަކީ ދުނިޔޭގައި ކޮވިޑްގެ ކޭސްތައް ތިން ވަނައަށް އެންމެ ގިނަ އަދި މަރުތައް ދެވަނައަށް އެންމެ ގިނަ ގައުމެވެ. އެގޮތުން އެގައުމުން ވައިރަހުގެ 14.3 މިލިއަން ކޭސް ފެނި، ބަލީގައި 391،000އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ