މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް މިފަހަރުވެސް މުޞްތަފާއަށް
ތިމަރަފުށީ މުޞްޠަފާ (ވ) "މެދުމިނަށް ތާޢީދު" މުޒާހަރާގައި | ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާޤްގުޅޭ ލިޔުން :ތިމަރަފުށީ ދާއިރާގެ މެންބަރު މުޞްޠަފާގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި – 20 ފެބުރުއަރީ 2012މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީ ކާމިޔާބުކުރައްވައި އެމްޑީޕީގެ ޓިކެޓް މިފަހަރުވެސް މުޙައްމަދު މުޞްޠަފާ (ތިމަރަފުށީ މުޞްޠަފާ) އަށް ލިބިއްޖެއެވެ.އެމްޑީޕީން ރޭ ހާމަކޮށްފައިވާ ޕްރައިމަރީ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ޕްރައިމަރީގައި ބެހެއްޓި ހަތަރު ފޮއްޓަށް ވޯޓުލާފައިވާ 455 މީހުންގެ ތެރެއިން މ.ސީވޯލް، މުޙައްމަދު މުޞްޠަފާއަށް ވަނީ ޖުމްލަ 367 ވޯޓު ލިބިފައެވެ. ދަފްތަރު ނަންބަރު 1397، ޢަބްދުލް ރަޝީދު ޢަބްދުﷲ އަށް 49 ވޯޓު ލިބިފައިވާއިރު ހ. ރޭޑިއަންޓް، އަޙުމަދު ޝަފީޤަށް ލިބިފައިވަނީ 39 ވޯޓެވެ.މުޞްޠަފާ ޕްރައިމަރީ ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭނާއަށް އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވަނީ މަރުހަބާ ވިދާޅުވެފައެވެ. މޫސައާ ޙަވާލާދީ އެމްޑީޕީން ބުނީ މުޞްޠަފާއަކީ ތިމަރަފުށީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅެއްކަމުގައި ފާހަގަކުރެއްވޭ ކަމަށެވެ.ސާބިތު ދަރަންޏެއް އޮތުމާ ގުޅިގެން މުޞްޠަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ ފެބްރުއަރީ 20، 2012 ގައެވެ. މުޞްޠަފާ ވަނީ ފަހުން އެދަރަނީގެ ފައިސާ އެމްއެމްއޭއަށް ދައްކާފައެވެ.ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކުރި ދުވަހު މުޞްތަފާ ވިދާޅުވެފައި ވަނީ އެހުކުމް ގަބޫލުނުކުރައްވާ ކަމަށާއި، އެމައްސަލައިގައި ހިމެނޭ ފައިސާ ދެއްކުމަށްފަހު ބައި އިލެކްޝަންގައި އޭނާ ކުރިމަތިލައްވައި ވަރަށް ޔަގީންކަމާއެކު އެގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ.މުޞްޠަފާއަށް ޙުކުމްކުރުމުގެ ކުރިން އެމްޑީޕީން ސުނާމީ ބިނާ ސަރަހައްދުގައި ފެބްރުއަރީ 19، 2012 ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި މުޞްތަފާ ވަނީ ގާނޫނާ ހިލާފަށް އޭނާއަށް ހުކުމެއް ކޮށްފިނަމަ އެކަމުގެ ބަދަލުހިއްޕަވާނެ ކަމަށް ވިދާޅުވެ ފަނޑިޔާރުންނަށް އިންޒާރު ދެއްވާފައެވެ. މުސްތަފާ ވިދާޅުވީ “ސުޕްރީމް ކޯޓުން އެއްވެސް ގޮތެއް ނުހެދޭނެ” ކަމަށާއި “އެއްވެސް ކަމެއް ނުކުރެވޭނެ” ކަމަށެވެ. އަދި އޭނާއަށް ގާނޫނާ ހިލާފަށް ހުކުމެއްކޮށްފައި ފަނޑިޔާރަކަށް މިގައުމުގައި ނޫޅެވޭނެ ކަމަށްވެސް މުޞްޠަފާ ވިދާޅުވެފައި ވެއެވެ.ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ އޭޕްރީލް 14، 2012 ގައެވެ. އެދުވަހު ކާށިދޫ ދާއިރާގެ ބައި އިލެކްޝަނާއި ހދ. ކުމުންދޫ ކައުންސިލާއި ތ. ގާދިއްފުށީ ކައުންސިލްގެ އިންތިހާބު ބާއްވަން ވެސް އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ ދޮންބިލެތް އަޙުމަދު ޙަލީމެވެ. އެދާއިރާއަށް އެމްޑީޕީން ކުރިމަތިލާފައިވަނީ ހަމައެކަނި ދޮންބިލެތް ޙަލީމް ކަމަށްވުމާއެކު ޕްރައިމަރީއެއް ނުބާއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ