މަސްލަހަތު ހިފެހެއްޓޭނީ ގާސިމަށް މަޖިލީހުގެ ރައީސްކަން ދީގެން: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހީމަށް 19 ވަނަ މަޖިލީހުގެ ރައީސްކަން ވެސް ދިނުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް 19 ވަނަ މަޖިލީހުގެ މަޑުއްވަރި ދާއިރާއަށް އިންތިޚާބުބެވަޑައިގެންފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި އާދަމް ޝަރީފް ވިދާޅުވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރާ ކަންކަމަކީ ދެފުށްފެންނަގޮތަށް ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން އޮންނަ ގޮތަށް ހިނގާ ކަންކަމަށް ވާންޖެހޭ ކަމަށެވެ. މަޖިލީހުގެ ކޮމިޓީތަކުގައި އިސްކޮށް ތިއްބަވާ ބޭފުޅުންނަކީ ވެސް އެމްޑީޕީގެ މެންބަރުންނަށް ވެފައި، މަޖިލީހުގެ ރައީސާއި ނާއިބުރައީސަކީ އެމްޑީޕީގެ މެންބަރުންނަށް ވެއްޖެނަމަ، އެމްޑީޕީއަށް ކުރެވުނު އިތުބާރާއެކު މަޖިލީހުގެ ތެރެއިން ސަރުކާރު ޒިންމާދާރުކުރުވޭނެ މިންވަރަކާމެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިޔަކަށް ވެފައި، ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން މަޖިލީހުގެ ރައީސްގެ މަގާމަކީ ޖޭޕީގެ ސްލޮޓަަކަށް ވާނަމަ، އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ އެގޮތަށް އެކަން ގެންދިއުން ކަމަށް މަޑުއްވަރި ދާއިރާގެ އިންތިޚާބީ މެންބަރު ވިދާޅުވިއެވެ. އެމްޑީޕީން ބޭނުންވާހާ ގޮތަކަށް ކަންކަން ކުރަނީއޭ ބުނެ ސަރުކާރަށް އިނގިލި ދިއްކުރުމުގެ ފުރުސަތު ކުޑަވާނީ އެހެން މީހުންގެ ބައިވެރިވުމާއެކު ކަންކަން ކުރެވޭނެ ގޮތްތަކެއް ރާވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހާރު މިއޮތް ފެހި ގާނޫނުއަސާސީއަކީ މަޖިލީހުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަރަށް ތަޖުރިބާކާރު ބޭފުޅުން ތައްޔާރުކުރައްވާފައި އޮތް ގާނޫނުއަސާސީއެއް. އަދި އެކަން ވުޖޫދަށް ގެނައުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި މަސައްކަތް އަޅުގަނޑުމެންނަށް އެބައޮތް ވަރަށް ރަގަަޅަށް ފެންނަން. މިހާރު މަޖިލީހުގެ ރައީސަކީ ވެސް އެމަނިކުފާނު. ކޯލިޝަން ތެރެއިން އެކަން އެހެން ހަމަޖެހިފައި އޮތް ކަމަށް ވާނަމަ، އަޅުގަނޑު ދެކޭގޮތުގައި ގާސިމް އިބްރާހީމަށް މަޖިލީހުގެ ރައީސްކަން ދެއްވުމަކީ މިވަގުތު އެމްޑީޕީއަށް ވެސް އަދި ކޯލިޝަނަށް ބަލާއިރުވެސް ރައްޔިތުންގެ މެދުގައި މަޖިލީހުން ކުރާ ކަންތައްތަކަކީ ދެފުށްފެންނަ ނަޒާހަތްތެރި ގޮތެއްގައި އަދި ސަރުކާރުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކުރަން ބޭނުންނުވާ އަދި މަޖިލީހުން ސަރުކާރު ޒިންމާދާރުމަށްޓަކައި މަސައްކަތްތަކެއް ރާވާލައިގެން ކުރިއަށް ގެންދިއުމަށް ވެސް އޮތް ރަގަޅު މަގެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން" އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޖިލީހުގެ ނާއިބުރައީސްގެ މަގާމާ ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ އެމަގާމަށް އެމްޑީޕީއަށް ނިސްބަތްވާ އަންހެން ބޭފުޅަކު ލުމަށް ތާއީދުކުރައްވާ ކަމަށެވެ. އޭގެ ސަބަބުން އަންހެނުންގެ ހައްގުތަކަށް ވަކާލާތުކޮށް އަންހެނުން ބާރުވެރިކުރުމުގެ މަސައްކަތުގައި ތަފާތު މަރުހަލާއަކަށް ދެވުނީ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެމްޑީޕީއާއި ޖޭޕީއާ ދެމެދު ހަމަޖެހުން ގާއިމުވެ، ހިތްހަމަޖެހުމާއެކު މަސައްކަތް ކުރުމަށް ވެސް މަގުފަހިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސާއި ނާއިބުރައީސްގެ މަގާމާމެދު މިގޮތަށް އަމަލުކުރުމުން މަޖިލީހުގެ ތެރެއިން ހިނގާ ކަންކަމަކީ ދެފުށްފެންނަ ގޮތަށް، ނަޒާހަހްތެރިކަމާއެކީގައި ކުރިއަށް ގެންދެވޭ ކަންކަން ކަމުގައި ރައްޔިތުން ގަބޫލުކުރާނެ ފޯމިއުލާއަކަށް ވެގެންދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ވަޑައިގަތުމަށް ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި، ކުރީގެ ހޯމް މިނިސްޓަރު އަދި ކުރިއަށް އޮތް މަޖިލީހުގައި ވިލުފުށީ ދާއިރާ ތަމްސީލްކުރައްވާނެ މެންބަރު ހަސަން އަފީފާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި މަޖިލީހުގެ ނާއިބުރައީސްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ސަރުކާރު ވެރިކަމަށް އައުމަށް ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގައިވާގޮތުން މަޖިލީހުގެ ރައީސްގެ މަގާމަކީ ޖޭޕީއަށް ކަނޑައަޅާފައިވާ މަގާމެއް ކަމަށް އެޕާޓީން ބުނެއެވެ. އަދި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސްގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ ވެސް އެގޮތުގެ މަތިންނެވެ. 19 ވަނަ މަޖިލީހުގެ ރިޔާސަތަށް ގެންނާނެ ބޭފުޅަކާމެދު އެމްޑީޕީ ތެރޭގައި ބަހުސް ހޫނުވެފައިވާއިރު، އައު މަޖިލީހަށް ވެސް ގާސިމް އިބްރާހީމް ވަނީ އިންތިޚާބުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ