"އެކްސަސައިޒް އެކުވެރިން 2018" ގައި ބައިވެރިވާ އިންޑިއާ އަސްކަރިއްޔާގެ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ ސިފައިން މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިއީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ތަމްރީނު ހަރަކާތެކެވެ. އެގޮތުން މިއީ، މި ތަމްރީނުތައް ބާއްވާ 9 ވަނަ ފަހަރެވެ.
ޅ.މާފިލާފުށީ ނޮދަން އޭރިއާ ހެޑްކްއޯޓަރޒްގައި ބޭއްވުމަށް ހަމަޖެހިފައިވާ މިހަރަކާތް ކުރިއަށްދާނީ މިމަހު 15 އިން 27 އާ ހަމައަށެވެ.
މިފަހަރުގެ އެކްސަސައިޒުގައި އިންޑިއާގެ އަސްކަރިއްޔާއިން 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓްގެ 45 ސިފައިންނާއި ރާއްޖޭގެ ފަރާތުން އެމްއެންޑީއެފް މެރިންސް ބައިވެރިވާނެއެވެ. މިއެކްސަސައިޒުގައި ކިޔަވައިދެއްވާނީ ދެގައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުންނެވެ.
މި އެކްސަސައިޒަކީ ދިވެހިރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އެކްސަސައިޒްގެ ތަމްރީނުތައް އެއްގަމާއި ކަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މާފިލާފުށީގެ އިތުރުން ޅ.އަތޮޅުގެ ބައެއް ފަޅު ރަށްތަކުގައިވެސް ތަމްރީނުތަކުގެ ބައިތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ މިއެކްސަސައިޒް މިދިޔަ އަހަރު ބާއްވާފައިވަނީ އިންޑިއާގެ މެޑްރާސްގައެވެ.
"އެކްސަސައިޒް އެކުވެރިން 2018" ގައި ބައިވެރިވުމަށް އިންޑިއާ ސިފައިން ރާއްޖެ އަތުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ