ރައްޔިތުންގެ ނިންމުމާއެކު މުއައްސަސާތައް އިންސާފުގެ މަގަށް އަތުވެއްޖެ: ގާސިމް

ދިވެހި ރައްޔިތުން ރިޔާސީ އިންތިހާބުގައި ނިންމި ނިންމުމުގެ ސަބަބުން ދައުލަތުގެ ހުރިހާ މުއައްސަސާއަކުން އަދުލު އިންސާފްގެ މަގަށް ރުޖޫއަވެފައިވާ ކަން މިއަދު އެނގިގެންދާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ދައުވާކުރި ރިޝްވަތު ހުށަހެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ އެމަނިކުފާނު ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ބާތިލްކުރުމާ ގުޅިގެން ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ މިއަދު ފެނިގެން މިދިޔައީ އިންސާފު ހޯދުމަށާއި އަނިޔާވެރިކަމަށް ނިމުމެއް ގެނައުމަށް ދިވެހި ރައްޔިތުން އިންސާފުގެ ދަތުރަށް އަރާ ތިބި ކަމުގެ ހެއްކެއް ކަމަށެވެ.
ގާސިމް އިބްރާހީމް ދިވެހިރާއްޖޭގައި އަދުލު އިންސާފު އެބައޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ. އަދި މިއަދު މުއައްސަސާތަކަށް މިއައި ބަދަލު މިއައީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ނިންމި ނިންމުމުގެ ސަބަބުން ކަމަށެވެ.
"ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާނެ ބޭފުޅަކު ހޯދުމަށްޓަކައި ނެގުނު ވޯޓުގައި ނަތީޖާއިން ރައްޔިތުން މިވަނީ [މިހާރުގެ ވެރިކަން] ބޮޑުތަނުން ބަދަލުކުރައްވާފައި. އެބަދަލުކުރެއްވީ އާދެ އަޅުގަނޑުމެންގެ ކެންޑިޑޭޓް ނަންބަރު ދޭއް އިބްރާހީމް މުހައްމަދު ސޯލިހް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް، ފައިސަލް ނަސީމް ރަނިންމޭޓަކަށް ހުންނަވައިގެން ހޮވިވަޑައިގަތުމާ ގުޅިގެން މިހުރިހާ މުއައްސަސާތަކަކުން އިންސާފުގެ މަގަށް އަޅުގަނޑުމެން މިކުރި ދަތުރު އެބޭފުޅުން ހަމަ ފުރިހަމައަށް އަރާވަޑައިގެންފިކަން އަޅުގަނޑުމެންނަށް މިއެނގެނީ. ހުރިހާ ކޯޓުތަކުން ވެސް އެހެން މުއައްސަސާތަކުން ވެސް. އެކަމަށްޓަކައި އަޅުގަނޑުމެން ރައްޔިތުންނަށް ލިބިފައިވާ ހިތްހަމަޖެހުމާ އުފާވެރިކަން އަޅުގަނޑުމެން ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުން ފާހަގަކުރަން އެބަޖެހޭ،" ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން އެެމަނިކުފާނު ޖަލަށްލުމަށް ހުކުމްކުރުމާ ގުޅިގެން ސިއްހީ ފަރުވާއަށް ސިންގަޕޫރަށް އަދި އޭގެ ފަހުން ޖަރުމަނަށް ވަޑައިގެންނެވީ އެ ގައުމުތަކުގެ ސަރުކާރުން އެމަނިކުފާނުގެ އިންސާނީ ހައްގުތަކަށް ބަލައި ހަމަަޖައްސައިން އިންތިޒާމުތަކެއްގެ ތެރެއިން ކަމަށްވެސް ގާސިމް އިބްރާހީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ