ޑްރައިވަރު ގާސިމް މަރާލީ އެންމެ މީހަކު ވެގެން ކަމަށް ގަބޫލެއް ނުކުރަން - އާދަމް ޝަރީފް

އިހާނެތި ގޮތަކަށް، ވަޅިން ހަމަލާދީ މަރާލާފައި އޮއްވައި ޑިސެމްބަރު ހަތަރު ވަނަ ދުވަހު ހުޅުމާލޭ ރީތިގަސްމަގުން ފެނުނު ޓެކްސީ ޑްރައިވަރު، އދ. މާމިގިލީ ކަނީރުމާގޭ ގާސިމް ހަސަން މަރާލީ އެންމެ މީހަކު ވެގެން ކަމަށް ގަބޫލުނުކުރާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވާގޮތުގައި، ގާސިމް މަރާލުމުގައި ހަމައެކަނި ބައިވެރިވެފައި ވަނީ އަދުހަމް މުހައްމަދު އެކަނި ކަމަށެވެ. އޭނާ ވަނީ ގާސިމް މަރާލިކަމަށް އިއުތިރާފުވެފައެވެ. އޭނާއަށް ގާސިމް މަރާލެވުނީ އޮޅިގެންނެވެ. އެއީ އޭނާ ގާސިމް އަތުން ފޭރެން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ގާސިމްގެ މަރާއި ގުޅޭގޮތުން ރޭ ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ހުޅުމާލޭގައި ޑްރައިވަރު ގާސިމް މަރާލި އެންމެ މީހެއް ކަށް އޭނާ ގަބޫލު ނުކުރާ ކަމަށެވެ.
"ހުޅުމާލޭގައި ޑްރައިވަރު ގާސިމް މަރާލީ އެންމެ މީހެއްގެ ކަމެއްގެ ކަމަކަށް އަޅުގަނޑު ގަބޫލު ނުކުރަން"
އޭނާ މިގޮތަށް ވިދާޅުވެފައި ވަނީ، ރައީސް އޮފީހުން ނެރުނު ފޮތަކާއި ގުޅޭގޮތުން ވާހަކަދައްކަމުންނެވެ. އާދަމް ޝަރީފް ވިދާޅުވީ، އެ ފޮތުގައި ގަދަ ދިހެއްގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށާއި، އޭގައި ބަޔާންކޮށްފައިވާ އެއް ކަމަކީ ގައުމަށް އަމަން އަމާންކަން ގެނެސްދިން ވާހަކަ ކަމަށެވެ.
ރައީސް އޮފީހުން މިގޮތަށް ވިދާޅުވިނަމަވެސް، އެތައް ބައިވަރު މާރާމާރީތަކެއް ހިންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވައްކަން އާއްމުވެފައިވާކަންވެސް އެންގީ ފުލުހުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"އެކަމަކު ރައީސް އޮފީހުން ނެރުނު ފޮތުގައި މި ބުނަނީ ކުށްތައް މަދުވި ވާހަކަ". އޭނާ ވިދާޅުވިއެވެ.
އެގޮތަށް ފާހަގަކުރައްވަމުން އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ބޮޑު މާރާމާރީއެއް ހިނގި ހާދިސާ އާއި މާލެ އަތޮޅު ކަގި ކައިރިއަށް ފަރަށް އެރި ދޯނިން ގެއްލުނު ކެޕްޓަންނަށްވެސް ވީނުވީއެއް ނޭނގި، އަދި އޭނާ ނުހޯދާ ކަމާއި، ލާމު އަތޮޅަށް ގެއްލުނު ޝިމާއަށްވެސް ވީނުވީއެއް ނޭނގޭ ކަން ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ