ފަނޑިޔާރުންނަށް ބިރު ނުދެއްކުމަށް ސުޕްރީމް ކޯޓުން އިލްތިމާސްކޮށްފި
ފަނޑިޔާރުންމާ މެދު ނަފުރަތު އުފައްދައި، އެ ބޭފުޅުންގެ އަބުރު ކަތިލައި، ބިރު ނުދެއްކުމަށް ސުޕްރީމް ކޯޓުން އިލްތިމާސްކޮށްފި އެވެ. ފަނޑިޔާރުންނަށް ބިރު ދައްކާ ކަމަށް ބުނެ ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޯޓުތަކުގެ އިތުބާރު ގެއްލުވާލަން ނާޖާއިޒު މަގުސަދެއްގައި ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. އަދި އެއީ ދައުލަތާއި ފަނޑިޔާރުންގެ ހައިބަތާއި ގަދަރު ގެއްލޭ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. "އެއީ ފަނޑިޔާރުންނަށް ބިރުދައްކައި، ޝަރުއީ ދާއިރާއާއި ކޯޓުތަކުގެ މައްޗަށް ނުފޫޒު ފޯރުވައި، ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށްޓަކައި ދުސްތޫރީ ނިޒާމު ފުނޑުފުނޑުކޮށް ސުންނާފަތިކުރުމުގެ ނުބައި މަގުސަދުގައި ކުރަމުން ގެންދާ ނޭދެވޭ އަމަލުތަކެއް ކަމަށް މެނުއީ ބެލެވެން ނެތެވެ." އެ ބަޔާނުގައިވެ އެވެ. އެ ކޯޓުން ބުނީ އެފަދަ އަމަލުތަކަކީ ގާނޫނު އަސާސީއިން ލިބިގެންވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއިން ބޭރުގައިވާ ކަންތައްތަކެއް ކަމަށެވެ. އިސްލާމް ދީނުގައިވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައި ވަނީ އެކެއްގެ އަބުރާއި ކަރާމާތް ރައްކާތެރިވާނެ ވަރުގެ އިންތަކެއްގެ ތެރެއިން ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ އިތުރުން، ރާއްޖޭގެ ޝަރުއީ ދާއިރާ މީގެ ކުރިން ދިރާސާ ކުރައްވާފައިވާ ބޭރުގެ ފަރާތްތަކުން ވެސް، ކޯޓުތަކަށް ބައެއް ފަރާތްތަކުން ސިޔާސީ ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ބިރުދެއްކާކަން ފާހަގަ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އަދުލު އިންސާފުގެ ދާއިރާ ހަރުދަނާ ވާނީ އެފަދަ ނުފޫޒުތަކުން އެއްކިބާވެގެންކަން ފާހަގަކޮށްފައިވާ ކަމަށް ވެއެވެ. ފަނޑިޔާރުންނަށް ބިރު ދައްކައި އެ ބޭފުޅުންނާއި ކޯޓުތަކުގެ އިތުބާރާއި އިހްތިރާމް ކަނޑާލުމަށް ކުރާ މަސައްކަތަކީ "ޝަރުއީ އަދި ދުސްތޫރީ އަދި އާލަމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު" ކަމެއް ކަމަށާއި އެފަދަ ވާހަކަތައް މިހާރުން މިހާރަށް ހުއްޓާލުމަށް ސުޕްރީމް ކޯޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. ސުޕްރީމް ކޯޓުން އެހެން ބުނެފައިވާއިރު، އެ ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށް ބުނެ އެ ކޯޓަށް ފާޑުކިޔުއްވި ބައެއް ފަރާތްތައް ވަނީ ދާދި ފަހުން ހާޒިރުކޮށް ބަޔާން ނަގާފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު، ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު މޫސާ ސިރާޖު އަދި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ