އަބްދުﷲ ގާޒީ ބަންދުކުރަން ވެސް އަދި ދޫކޮށްލަން ވެސް އަމުރުކުރީ ނަޝީދު: ތޮލްހަތު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރަން ވެސް އަދި ދޫކޮށްލަން ވެސް އަމުރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ތޮހްހަތު އިބްރާހިމް ކަލޭފާނު ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެގޮތަށް ވިދާޅުވީ އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި އޭނާގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާގެ މިއަދުގެ ޝަރީއަތުގައި ވާހަކަ ދައްކަވަމުންނެވެ.
ތޮލްހަތު ވިދާޅުވީ އަބްދުﷲ ގާޒީ ފުލުހުސް އޮފީހަށް ހާޒިރުވުމަށް ފޮނުވި ޗިޓަށް އަމަލުކުރުން ހައި ކޯޓުން ފަސްކުރުމުން އެރޭ އަބްދުﷲ ގާޒީ ހައްޔަރުކުރަންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި އެގޮތަށް އެންގެވުމުން އޭނާގެ ދަށުން ތިބޭ މީހުންނަށް އެ އަމުރު ޕާސްކުރި ކަމަށް ތޮލްހަތު ވިދާޅުވި އެވެ. އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ވެސް އަދި ދޫކޮށްލުމަށް ވެސް އޭނާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ވެސް ތޮލްހަތު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅިގެން އޭނާއަށް ކުރެއްވެން އޮތް ހަމައެކަނި ކަމަކީ އަބްދުﷲ ގާޒީއަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކާއި ކަންތައްތައް ބަރާބަރަށް ހަމަޖައްސަވައިދިނުން ކަމަށާއި އެކަން އެގޮތަށް ކުރައްވާފައިވާނެ ކަމަށެވެ.
ތޮލްހަތު އިތުރަށް ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްލަން އޭރުގެ ރައީސް ނަޝީދު އަމުރު ކުރެއްވީ ފެބްރުއަރީ 7 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ގޮތަށް އަމަލު ކުރުމަށް އޭނާގެ ދަށުން ތިބި މީހުންނަށް އެންގެވި ކަމަށް ވެސް ތޮލްހަތު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރަން ނަޝީދު އަމުރު ކުރެއްވުމުން އެއީ "ގާނޫނީ އަމުރެއް" ކަމަށް ބެއްލެވި ކަމަށާއި އޭގެ ސަބަބަކީ ނަޝީދަށް ގާނޫނީ ލަފާ ދެއްވަން އެކި ފަރާތްތައް ތިއްބަވާތީ ކަމަށެވެ.
ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ތޮލްހަތު ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްލަން ކޯޓުތަކުން ކުރި ހުރިހާ އަމުރުތަކެއް ވެސް ތަންފީޒު ކުރުމުގެ ބާރު އޮތީ ނަޝީދަށް ކަމަށާއި އެކަމުގައި އޭނާއަށް ކުރެއްވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެކަމަށް ޖަވާބުދާރީވާންޖެހޭނީ ވެސް ބަންދުކުރަން އަމުރު ކުރި ފަރާތުން ކަމަށް ވެސް ތޮލްހަތު ވިދާޅުވި އެވެ.
ތޮލްހަތު އެ ގޮތަށް ވާހަކަ ދެއްކެވުމުން ދައުލަތުން ބުނީ ދައުވާގައި ބުނާ ކަންކަމަށް އޭނާ އިއުތިރާފްވެފައިވާ ކަމަށް އެ ފަރާތުން ދެކޭ ކަމަށެވެ. އަދި އެކަމުގައި ޕީޖީއާ މަޝްވަރާ ކުރުމަށް ފަހު އެއްޗެއް ބުނުމަށް އިތުރު އަޑުއެހުމެއް ބާއްވައި ދިނުމަށް ވެސް ދައުލަތުން އެދުނެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން އެކަމަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
މިއަދުގެ އަޑުއެހުމުގައި ވަނީ ދައުލަތުން ހެކިވެރިއެއްގެ ގޮތުން ސިފައިންގެ ފަސްޓް ލެފްޓިނެންޓް އަލީ އިހުސާންގެ ހެކި ބަސް ނަގައިފަ އެވެ.
ހެކިބަސް ދެމުން އިހުސާން ވިދާޅުވީ އަބްދުﷲ ގާޒީ ބަންދުކުރި އޮޕަރޭޝަންގެ ވެރިއަކަށް ހުންނެވި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީއަށް އަމުރު އަންނާނީ ނަޝީދާއި ތޮލްހަތުގެ ފަރާތުން ކަމަށެވެ. އަދި އެގޮތަށް ސިފައިންގެ ތެރޭގައި އަމުރު މައުރޫފް ހިންގޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ތޮލްހަތުގެ ސެކްރެޓަރީއެއްގެ ގޮތުގައި އޭރު މަސައްކަތް ކުރެއްވި އިހުސާން ވިދާޅުވީ އަބްދުﷲ ގާޒީ ދޫކޮށްލަން ކޯޓުން ނެރުނު އަމުރުތަކާއި އަބްދުﷲ ގާޒީ ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރުތައް ވެސް ތޮލްހަތަށް ލިބުމުން އެ އަމުރުތަކުގައި ސޮއިނުކުރައްވައި ތޮލްހަތު އެ އަމުރުތައް ބޭއްވި ކަމަށެވެ. އަދި ކިތަންމެ ބޮޑު ހުކުމެއް އަޔަސް ގާޒީ ދޫނުކުރެވޭނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށް ވެސް އިހުސާން ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި އެވެ. ނަމަވެސް އަބްދުﷲ ގާޒީ ބަންދުކުރި ދުވަހު އަމުރުތައް އައީ ނަޝީދުގެ ފަރާތްޕުޅުން ކަމަށް ގަބޫލު ކުރެއްވޭ ކަމަށް އިހުސާން ވިދާޅުވި އެވެ. އެކަމަކު އަބްދުﷲ ގާޒީއާ މެދު ފިޔަވަޅު އަޅައިދޭން އެދި ސިފައިންނަށް އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދ ފަސީހު ސިޓީ ފޮނުއްވީ ތޮލްހަތުގެ އެދިވަޑައިގަތުމަކަށް ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ މައްސަލައިގައި އަބްދުﷲ ގާޒީގެ ހެކިބަސް ވެސް ނަގަން މިއަދު އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އޭނާގެ ހެކިބަސް ނަގަން ބޭނުންނުވާ ކަމަށް ދައުލަތުން ބުނުމުން އެކަން ނުކުރަން ނިންމީ އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނަ އަޑުއެހުން އޮންނާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށް އިއުލާންކޮށްފަ އެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ތޮލްހަތާއި ނަޝީދުގެ އިތުރުން ދައުވާކުރަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ