ކޯލިޝަންގެ ބޭރުން އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން އަނބުރާ ގެންދަވަން ގާސިމް ގޮވާލައްވައިފި

މި މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކޯލިޝަންގެ ބޭރުން، ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް އަނބުރާ ގެންދަވައި، އެ ކޯލިޝަންގެ ކެނޑިޓޭޑުންނަށް ތާއީދު ކޮށްދެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ގޮވާލައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ކޯލިޝަނުން މާފަންނު އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ ގޮނޑި އަށް ވާދަކުރައްވާ އަހުމަދު އަޖުވަދުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް، އޯކިޑް މަގު ސަލްސާ ރެސްޓޯރެންޓް ކައިރީގައި ބޭއްވި ހަފުލާގައި ގާސިމް ވިދާޅުވީ ކޯލިޝަނުން ކުރިމަތިލައްވާ ކެނޑިޓޭޑުންނަށް ހުރިހާ ފަރާތްތަކުން ވެސް ވޯޓު ދިނުން މުހިންމު ކަމަށެވެ.
"އަޅުގަނޑުމެންގެ ކޯލިޝަނާއި އެހެން ދާއިރާތަކުގައި ވެސް އެބައުޅޭ ދެ ދާއިރާއަކުން ކުރިމަތިލައިގެން އުޅޭ ފަރާތްތަކެއް. އެ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ އެ ބޭފުޅުން ވެސް އަނބުރާ ނަންތައް ގެންދަވާފައި، ކޯލިޝަނުން ޓިކެޓު ލިބިގެން ތިއްބެވި ބޭފުޅުންނަށް ވޯޓު ދެއްވައިގެން އިންތިހާބު ކޮށްދެއްވާށޭ. އެހެން ނުވެއްޖެ ނަމަ އަޅުގަނޑުމެންނަށް ވަރަށް ނިކަމެތި ގޮތްތަކެއް ވެދާނެ. އެއަށް ވުރެ އަޅުގަނޑުމެން ބުއްދިވެރި ވާން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާފަންނު އުތުރު ދާއިރާ އަށް ޖުމްހޫރީ ކޯލިޝަނުން ކުރިމަތިލެއްވި އަޖުވަދަކީ އެ ދާއިރާ އަށް އެންމެ ރަނގަޅު ކެންޑިޑޭޓެވެ. އެހެންކަމުން ގައުމުގެ ސަލާމަތައްޓަކައި ވެސް އަޖުވަދަށް ވޯޓު ދިނުން މުހިންމު ކަމަށް ގާސިމް ވިދާޅުވި އެވެ.
މި ހަފުލާގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ، ޝަރުއީ ނިޒާމާ ކުޅޭނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދެމުން ގެންދާ ކަމަށެވެ.
"އެމީހުންގެ ވެރިކަމުގައި ޖުޑީޝަލް ސިސްޓަމާ މެދު އަމަލުކުރި ގޮތް އަޅުގަނޑުމެން ދުށީމު. އަޅުގަނޑުމެން ދުށީމު ޖޭއެސްސީގައިި ތަޅު އެޅުވި މަންޒަރު. އަޅުގަނޑުމެން ދުށީމު ފަނޑިޔާރަކު ހައްޔަރު ކޮށްގެން، ވަގަށް ނަގައިގެން ގެންދިޔަ މަންޒަރު. އެހެންވީމާ ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ މެޖޯރިޓީ ލިބިގެން އެމީހުން އަމަލުކުރާނެ ގޮތް އެއީ އަޅުގަނޑުމެންނަށް އާ ގޮތެއް ނޫން،" އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ ނަމުގެ ކުރިއަށް "ޑިމޮކްރެޓިކް" އެ ބަސް ގެނެސް، އެ ޕާޓީގެ ލޯގޯގެ ގޮތުގައި ތިލަފަތެއް ބޭނުން ކުރުމަކީ އިންސާފުވެރިވުން ނޫންކަން އެންމެން ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ