ޕީޕީއެމްގެ ރައީސް ކަމުން މައުމޫން އަބްދުލް ގައްޔޫމް ދުރުކުރުމަށް ކައުންސިލްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެ ޕާޓީގެ ކައުންސިލްގެ ދެ މެމްބަރަކު ސިވިލް ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.
އެ މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދ ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.
އެދެބޭފުޅުން އެދިފައިވަނީ ޕާޓީގެ ރައީސްކަމުން މައުމޫން އެކަހެރިކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ އެއްގޮތަށް ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކޮށްދޭނެފަރާތަކާ ޕާޓީގެ ހިންގުން ހަވާލުކޮށްދިނުން އެޕާޓީގެ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ އަމުރެއް ނެރެދިނުމަށެވެ.
މައްސަލަ ހުށަހަޅާފައިވާއިރު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ދާދިފަހުން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަށް ވަނީ ދޮގުކޮށްފައެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ޕީޕީއެމްގެ ރައީސަކީ އެޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ އެއްގޮތަށް، ޕާޓީގެ ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އެ ދެ ގަވާއިދާ ޚިލާފަށް ޕާޓީގެ ގުނަވަންތައް ސަސްޕެންޑުކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ހުރަސްއަޅައި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް މައުމޫން ހުއްޓުވާފައިވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
އަދި ޕީޕީއެމްގެ ރައީސްގެ ހުއްދަނެތި ޕާޓީގެ ކައުންސިލްގެ އެއްވެސް ކޮމެޓީއެއްގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށާއި ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވުމަށް މައުމޫން އެންގެވި އެންގެވުމަށް އަމަލު ކުރުން ވަގުތީގޮތުން ހުއްޓާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރަށް ތަބާނުވާ ވާހަކަވެސް އެ މައްސަލާގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޑިސްޕިއުޓު މަރުހަލާގެ ފުރަތަމަ ބައްދަލުވުން މާދަމާ 3:30 އަށް ސިވިލް ކޯޓުގައި ވަނީ ތާވަލްކޮށްފައެވެ. އަދި މާދަމާ ކޯޓަށް ހާޒިރުވާން ވަނީ ޕީޕީއެމަށް ޗިޓް ފޮނުވައިފައެވެ.
ޕީޕީއެމްގެ ރައީސް ކަމުން މައުމޫން ދުރުކުރުމަށް ކޯޓު އަމުރަކަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ