މާލެ ސަރަހައްދަށް ކަރަންޓް ދިނުމަށް ބޮޑުގިރި ޗައިނާ ކުންފުންޏަކަށްދޭން ނިންމައިފި

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ކ. ބޮޑުގިރި ޗައިނާ ކުންފުންޏަކަށް ދޫކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން ނެރޭ ސަރުކާރުގެ ގެޒެޓްގައި ބުނެފައި ވަނީ، މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމާފައި ވަނީ ޗައިނާގެ އެކްސްއީއެމްސީ ކޯ ލިމިޓެޑަށް އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ބޮޑުގިރި 15 ނުވަތަ 20 މެގަވޮޓްގެ ކަރަންޓް އުފައްދުމަށް، ބިލްޑް އޯން އޮޕަރޭޓް އުސޫލުން ދޫކުރުމަށް ކަމަށެވެ. ނަމަވެސް އެއީ ކިތައް އަހަރަށް ކަމެއް ރައީސް އޮފީހުން ނުބުނެ އެވެ.
ގެޒެޓްގައި ބުނެފައި ވަނީ ތިލަފަޅުގެ އުތުރުން އޮންނަ ބޮޑުގިރި ދޫކުރަން ނިންމީ ސްޓެލްކޯއިން އެ ކުންފުންޏަށް 25،000 އަކަމީޓަރުގެ ބިން ފޯރުކޮށްދޭން ޖެހޭތީ ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމާ ބެހޭ އިތުރު ތަފުސީލެއް އެ ކުންފުނިން ލިބޭ ގޮތްވަނީ ނުވެފަ އެވެ.
"ހަވީރަށް"އެނގިފައިވާ ގޮތުގައި ޗައިނާ ކުންފުންޏަށް ދޫކުރަން ނިންމާފައިވާ ބޮޑުގިރީގެ އެއްބަޔަށް އެސްޓީއޯގެ ތެޔޮ ތާނގީތައް ބަދަލުކުރަން ވަނީ ނިންމައިފަ އެވެ.
އެސްޓީއޯއިން ވަނީ މާލެ ކައިރީގައި އޮންނަ ފުނަދޫގައި ހަދާފައިވާ ތެޔޮ ތާނގީތައް އެ ރަށުން ކ. ބޮޑުގިރި ފަޅަށް ބަދަލުކުރުމަށްޓަކައި އެ ފަޅު ބަލައި ދިރާސާކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ