ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިނގިރޭސިވިލާތަށް ކުރައްވާ ދެވަނަ ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މި ދަތުރުފުޅުގައި އެމެރިކާގެ ކުރީގެ ނާއިބު ރައީސް އަލްގޯ ބާއްވަވާ އިގުތިސޯދީ އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ފޯރަމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އެ ފޯރަމް އޮންނާނީ އޮކްސްފޯޑް ޔުނިވަސިޓީގަ އެވެ. އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިނގިރޭސި ޕާލަމެންޓުގެ މެމްބަރުންނަށް މައުލޫމާތު ދެއްވުން ވެސް މި ދަތުރުފުޅުގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މައިގަނޑު ގޮތެއްގައި މި ދެ ބައްދަލުވުން ހިނގާނީ. އޭގެ އިތުރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާ ވާހަކަ ދެއްކުން އޮންނާނެ،" އެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ އެޕްރީލް މަހު އެމަނިކުފާނު އިނގިރޭސިވިލާތަށް އެންމެ ފަހުން ކުރެއްވި ދަތުރުފުޅާ ގުޅިގެން ބްރިޓިޝް އެއާވޭޒްގެ ދަތުރުތައް އަންނަ އޮކްޓޫބަރު މަހުން ފެށިގެން ރާއްޖެ އަށް ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހަފުތާއަކު ތިން ދަތުރު ބްރިޓިޝް އެއާވޭޒް އިން ރާއްޖެ އަށް ކުރާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އަށް އިގުތިސޯދީ ގޮތުން ލިބިގެންދާނީ ކޮން ކަހަލަ ފައިދާތަކެއްތޯ ދެންނެވުމުން ވިދާޅުވީ ކުރީ ފަހަރުގެ ދަތުރުފުޅުން ރާއްޖެ އަށް ލިބުނީ "ބީއެއް" ކަމަށެވެ.
"ޕްރައިމް މިނިސްޓަރު ގޯޑަން ބްރައުން ވަނީ 100 ބިލިއަން ޕައުންޑްގެ އެޑޮޕްޓޭޝަން ޕްރޮގްރާމެއް، ނުވަތަ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ދިމާވާ ކަންކަން ހައްލުކުރުމަށްޓަކައި ފަންޑެއް އުފައްދަވާނެ ވާހަކަ ވިދާޅުވެފައި. އަޅުގަނޑުމެން ބޭނުން އެކަން ހިނގާ ގޮތުގެ ތެރެއަށް، ހިންގަން ފެށުމުގެ ކުރިން، ފަންޑް ހިންގާ ގޮތާއި ފަންޑް އެކުލަވާލާ ގޮތާއި އެއިން ފައިސާ ދޭ ގޮތާ މި ކަންކަމުގެ ތެރެއަށް އަޅުގަނޑުމެންނަށް ވީ އެންމެ ބޮޑު މިނަކަށް ބައިވެރިވާން. އޭރުން އަޅުގަނޑުމެންނަށް މީގެއިން ރަނގަޅު ނަފާއެއް ލިބިގެންދާނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "އޭގެ އިތުރުން އިންވެސްޓްމަންޓަށް، ޓޫރިސްޓުން ރާއްޖެ އައުމަށް މިކަންކަމަށް އަޅުގަނޑުމެން ބާރު އަޅަން ބޭނުން. ވަރަށް ގިނަ ]ޓޫރިސްޓް[ ޗޭނުތައް ރާއްޖެ އަށް އެބަ އާދޭ. އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތްކުރަން ބޭނުން އައްޑު އަތޮޅަށް ޗާޓަރު ފްލައިޓް ގެނައުމަށާއި އަދި ހެރަތެރަ ވީހާ ވެސް އަވަހަށް، ރަނގަޅަށް، ބާރަށް ހިނގައިގަންނަން ފެއްޓުމަށް. ހެރަތެރަ ހުއްޓިފައި އޮތީމަ ކުޑަ ދައްޗެއް ވަނީ. އިނގިރޭސިވިލާތުގެ ތޯމަސް ކުކް، އެއީ އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު، އެ ބޭފުޅުންގެ އިޝާރާތެއް ވެސް ވެފައި ވަނީ އެ ބޭފުޅުން ޝައުގުވެރިވާ ކަމަށް."
ރައީސް ވިދާޅުވީ އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ފޮރިން އިންވެސްޓާއި ޓްރޭޑާ ގުޅޭ ރޯޔަލް އެމްބެސެޑަރު ޕްރިންސް އެންޑްރޫއާ ވެސް ބައްދަލު ކުރައްވާނެ ކަމަށާއި އެ ބައްދަލުވުމުގައި އިގުތިސޯދީ ވާހަކަފުޅުތައް ދައްކަވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މައްސަލަތައް ބަލަމުންދާކަން އިނގިރޭސިވިލާތުގެ ސީރިއަސް ފްރޯޑް އޮފީހަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި "ބްލޫ ޕްރިންޓެއް" ނުވަތަ "ސްޓެންސިލެއް" ގެންގުޅުއްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ތަހުގީގުގައި އެމަނިކުފާނަށް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވެނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ކުޑަކުދިންގެ މައްސަލަތަކާއި ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ކަމަށެވެ.
"މި ތިން ބާވަތުގެ މައްސަލަތައް ވެސް އިންވެސްޓިގޭޓް ކުރުމަށް ޒަމާނީ އިލްމާއި ޒަމާނީ ގޮތްތައް ހޯދުން އެއީ އަޅުގަނޑުމެން ބޭނުން ކަމެއް. އަދި އެކަމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ދަތުރުގައި ވެސް އެކަމުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ