ހަތަރު އަތޮޅަކުން މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރު ކޮށްފި

އަތޮޅުތެރޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި، މަސްތުވާތަކެއްޗާއެކު އަށް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ނ. ވެލިދޫ، ތ. ވިލުފުށި، ދ. ކުޑަހުވަދޫ އަދި މ. ވޭވަށުގައި ކަމަށެވެ.
މި އޮޕަރޭޝަންތަކުގެ ތެރެއިން ވެލިދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށު ފަޅު ގެއެއްގެ ތެރޭގައި ބަޔަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް ވެލިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަނުގައި 32 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ދެ ފިރިހެނުންނާއި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެމީހުން ހައްޔަރުކޮށް ބަލައިޗފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓް ވަނީ ފެނިފަ އެވެ.
ވިލުފުށީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި އޮޕަރޭޝަނުގައި 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މިހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިތުރަށް ބުނީ ދ. ކުޑަހުވަދޫގައި މި މަހުގެ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ. އަދި ވޭވަށުގައި ހިންގި އޮޕަރޭޝަނުގައި 39 އަހަރުގެ މީހަކު ހައްޔަރުކޮށް އެރަށު ބަނދަރު މަތީގައި ހުރި ފޮށިގަނޑެއް ބަލައި ފާސްކުރި އިރު އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ދެ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ދެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރެއިން ކުޑަހުވަދޫ މީހާ، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ވޭވަށުން ހައްޔަރު ކުރި މީހާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ