މިނިސްޓަ އޮފް ފޮރިން އެފެއާޒް އަލްއުސްތާޒު ފަތުހުﷲ ޖަމީލާއި އެޓޮލްސް އެޑްމިނިސްޓްރޭޝަން މިނިސްޓަ އަލްއުސްތާޒު އަބްދުﷲ ހަމީދާއި ހޯމްއެފެއާޒް މިނިސްޓަރު އުމަރު ޒާހިރު، ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގަތުމާ ގުޅިގެން، އެ ތިން ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ބުރާސްފަތި ދުވަހު ގަބޫލުފުޅުކުރައްވައިފި އެވެ. އަދި ރައީސް، އެ ތިން ބޭފުޅުން ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމަށް ބުރާސްފަތި ދުވަހު ހަމަޖައްސަވައިފި އެވެ.
ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް އެދިވަޑައިގަތުމާ ގުޅިގެން އެ ތިން ބޭފުޅުންނާ ރައީސް ބުރާސްފަތި ދުވަހު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައި، އެ ބޭފުޅުންގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި، އެ ބޭފުޅުން، ވަރަށް ދިގު މުއްދަތެއްގައި ސަރުކާރަށް ކޮށްދެއްވާފައިވާ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.
މި ތިން ބޭފުޅުންގެ ތެރެއިން އަލްއުސްތާޒު ފަތުހުﷲ ޖަމީލު، ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާތާ 27 އަހަރަށް ވުރެ ދިގު މުއްދަތެއް ވެއްޖެ އެވެ. އެމަނިކުފާނު އެ މަގާމަށް އިސް ކުރެއްވީ 14 މާޗް 1978 ގަ އެވެ.
ރައީސްގެ ވާހަކަފުޅުގައި، މި ވޭތުވެދިޔަ 27 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން ދިވެހިރާއްޖެ ބައިނަލްއަގްވާމީ މައިދާނަށް ފުޅާ ދާއިރާއެއްގައި ތައާރުފު ކުރެއްވުމަށް އަލްއުސްތާޒު ފަތުހުﷲ ޖަމީލު ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަ ކުރެއްވި އެވެ. އަދި މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ބައިނަލްއަގްވާމީ މުޖްތަމައު ގަބޫލުކުރާ ޒިންމާދާރު ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ޚާރިޖީ ސިޔާސަތު ބިނާ ކޮށްފައިވާ ގައުމެއްގެ މަގާމު ހޯދައިފައި ކަމަށާއި މި ކަމުގައި ވެސް އެމަނިކުފާނުގެ ހިއްސާ ވަރަށް ބޮޑު ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖެއަށް ބޭނުންވި ތަރައްގީގެ އެހީތައް ހޯއްދަވައި ދެއްވުމުގަޔާއި، ރާއްޖެއަށް ސިޔާސީ ގޮތުންނާއި ސަގާފީ ގޮތުން ބައިނަލްއަގްވާމީ މުޖްތަމައުގެ އެއްބާރުލެއްވުން ހޯއްދަވައިދެއްވުމަށް ވެސް އަގުހުރި މަސައްކަތްޕުޅުތަކެއް އަލްއުސްތާޒު ފަތުހުﷲ ޖަމީލު ވަނީ ކޮށްދެއްވާފައި ކަމުގައި ވިދާޅުވި އެވެ. ހަމަ އެޔާއެކު، ބައިނަލްއަގްވާމީ މުޖްތަމައުގެ މާލީ އިދާރާތަކާއި އެހެން މުއައްސަސާ ތަކާ ދެމެދު ގުޅުން އުފައްދަވައި، އެކަމަށް މަގުފަހިކޮށްދެއްވުމަށް ކޮށްދެއްވި މަސައްކަތްޕުލުތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އަލްއުސްތާޒު އަބްދުﷲ ހަމީދު ވަޒީރެއްގެ މަގާމަށް އިސް ކުރެއްވީ 19 މާޗް 1980 ގަ އެވެ. މި ވޭތުވެދިޔަ އަހަރު ތަކުގެ ތެރޭގައި އެމަނިކުފާނު އެންމެ ދިގު މުއްދަތެއްގައި ފުރުއްވާފައިވަނީ ރާއްޖޭގެ އަތޮޅުތަކާ ބެހޭ ވަޒީރުކަމުގެ މަގާމެވެ. އެގޮތުން މިނިސްޓަ އޮފް ޕްރޮވިންޝަލް އެފެއާޒް ކަމުގެ މަގާމުގަޔާއި މިނިސްޓަ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމުގަޔާއި، އަދި މިނިސްޓަ އޮފް އެޓޮލްސް ޑިވެލޮޕްމަންޓް ކަމުގެ މަގާމުގައި ހުންނަވައިގެން 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި މި ވުޒާރާ ވަނީ ހިންގަވާފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި، އަލްއުސްތާޒު އަބްދުﷲ ހަމީދު ރާއްޖޭގެ އަތޮޅުތައް ތަރައްގީ ކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަރަށް ބޮޑަށް ވަޒަންކުރައްވާ ކަމަށާއި، ރާއްޖޭގެ އަތޮޅުތަކަށް މިއަދު ލިބެމުންދާ ތަރައްގީގައި އެމަނިކުފާނު އަދާކުރައްވާފައިވާ ހިއްސާ ވަރަށް ބޮޑު ކަމުގައި ވިދާޅުވި އެވެ. އަދި އެ މަނިކުފާނު ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 44 އަހަރަށް ވުރެ ދިގު މުއްދަތުގައި ސަރުކާރުގެ ތަފާތު އެތައް ދާއިރާއެއް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވައި، ކޮށްދެއްވި ޚިދްމަތްތައް ފާހަގަ ކުރެއްވި އެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގަޔާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ކޮށްދެއްވި ޚިދުމަތްތަކާއި މިނިސްޓަ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ ތައުލީމަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށް ވިދާޅުވި އެވެ.
އުމަރު ޒާހިރު ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 49 އަހަރަށް ވުރެ ދިގުމުއްދަތެއްވެއްޖެ އެވެ. އެ މަނިކުފާނު ވަޒީރެއްގެ މަގާމަށް ރައީސް އިސް ކުރެއްވީ 11 ނޮވެމްބަރު 1983 ގައެވެ.
ރައީސްގެ ވާހަކަފުޅުގައި އުމަރު ޒާހިރަކީ ވެސް ސަރުކާރުގެ ވަރަށް ތަފާތު ފެންވަރުގެ މަގާމުތަކެއް ފުރުއްވާފައިވާ ވަރަށް އިޚްލާސްތެރި ޚިދުމަތްތެރިއެއް ކަމުގައި ވިދާޅުވި އެވެ. މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސް ކަމުގެ މަގާމުގަޔާއި، މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް ކަމުގެ މަގާމުގަޔާއި، މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް ކަމުގެ މަގާމުގަޔާއި މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް ކަމުގެ މަގާމުގަޔާއި، އަދި މިއަދާ ޖެހެންދެން މިނިސްޓަ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމުގައި އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައި ކަމަށް ރައީސް ވިދާޅުވި އެވެ. މި ގޮތުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމަށްޓަކައި ސަރުކާރުން ފެއްޓެވި މަޝްރޫއުގެ މަސައްކަތުގަޔާއި، މާލޭގެ އެއްގަމުތޮއްޓާއި ކަނޑުތޮށިލުމުގަޔާއި، ރާއްޖޭގެ އަތޮޅުތަކުގައި ފަޅު ފުން ކުރުމަށް ސަރުކާރުން ހިންގަވާ މަސައްކަތްތަކުގަޔާއި، ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރެއްވުމުގައި އެމަނިކުފާނު އަދާ ކުރައްވާފައިވާ ދައުރުގެ އަގު ވަޒަން ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި މި ތިން ބޭފުޅުން ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަކީ، ވަޒީރުންގެ މަޖިލީހަށް ވެސް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުނިކަމެއް ކަމަށާއި، މި ވޭތުވެދިޔަ ދިގުމުއްދަތުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުން ކޮށްދެއްވި އިޚްލާސްތެރި މަސައްކަތްޕުޅުތަކުގެ މަތިން ވެސް ހަނދުމަފުޅު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި މި ތިން ބޭފުޅުން ވެސް ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާފައިވަނީ ވަރަށް ހީވާގި ކަމާއި މުރާލިކަމާއި މަސްއޫލިއްޔަތު އުފުއްލަވާ ގާބިލް ހިންގުންތެރިންގެ ގޮތުގައި ކަން ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވެ، އެ ބޭފުޅުންނަށް ފުރިހަމަ ސިއްހަތަކަށާއި ބާއްޖަވެރި ހަޔާތްޕުޅަކަށް ރައީސް އެދިވަޑައިގެންނެވި އެވެ. އަދި ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމުގައި ވެސް އެ ބޭފުޅުންގެ ޚިދުމަތް ވަރަށް އެކަށީގެންވާ ގޮތެއްގައި ލިބިވަޑައިގަންނަވަމުން ދާނޭ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
00: 13
ވަޒީރުކަމުގެ މަގާމުން ތިން ބޭފުޅަކު މިއަދު އިސްތިއުފާ ދެއްވުމުން، އެ ބޭފުޅުންގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ މިއަދު ގަބޫލްފުޅު ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު ދެންމެ ކަށަވަރުކޮށްދެއްވި ގޮތުގައި ވަޒީރުކަމުން އިސްތިއުފާ ދެއްވި ތިން ބޭފުޅުންނަކީ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލާއި އެޓޯލްސް ޑިވްލޮޕްމަންޓް މިނިސްޓަރު އަބްދުﷲ ހަމީދާއި ހޯމްއެފެއާޒް މިނިސްޓަރު އުމަރު ޒާހިރެވެ.
މި ތިން ބޭފުޅުން ވަޒީރުގެ މަޖިލިހުން އިސްތިއުފާ ދެއްވުމުން، އެ ބޭފުޅުންނާ ރައީސް މައުމޫން މިއަދު ބައްދަލުކުރެއްވި އެވެ. އަދި އެ ތިން ބޭފުޅުން މިހާރު ވަނީ ސްޕެޝަލް އެޑްވައިޒާ ޓުދަ ޕްރެޒިޑެންޓުގެ މަގާމަށް އިސްކުރައްވައިފަ އެވެ.
މި ތިން ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ދިގު މުއްދަތެއްގައި އެ ބޭފުޅުން ކުރައްވައިފައިވާ އިހުލާސްތެރި ހދުމަތަށް ޝުކުރު އަދާކުރެއްވި އެވެ.
މި ތިން ބޭފުޅުންގެ ތެރެއިން ފަތުހުﷲ ޖަމީލް، މެދުނުކެނޑި ފޮރިން މިނިސްޓަރުކަން ކުރައްވާތާ 27 އަހަރު ވަނީ ވެފަ އެވެ. އެ މަގާމަށް އެ މަނިކުފާނު އިސްކުރައްވައިފައި ވަނީ 14 މާޗު 1978 ގަ އެވެ.
15: 12
ސަރުކާރުގެ އެންމެ އިސް މަގާމްތަކަށާއި ވަޒީރުންގެ މަޖުލީހަށް މިއަދު ބަދަލުތަކެއް ގެންނަވަނީ
މުހައްމަދު ޝަހީބު
ސަރުކާރުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނަވައި ސަރުކާރުގެ އެންމެ އިސް މަގާމްތަކަށާއި ވަޒީރުންގެ މަޖުލީހަށް މިއަދު ބަދަލުތަކެއް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމުގައި ރައީސް އޮފީހުގެ އިސް ބޭފުޅަކު ދެންމެ ވިދާޅުވެއްޖެ އެވެ.
މި ބަދަލުތައް ގެންނަވައި، އެ ބޭފުޅުން ހުވާ ކުރައްވާނީ މިއަދު މެންދުރު ދޭއް ޖަހާއިރު ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.
ރައީސް އޮފީހުން ކަށަވަރުކޮށްދެއްވި ގޮތުގައި ތިން ވަޒީރަކު މިއަދު އިސްތިއުފާ ދެއްވާނެ އެވެ. އެ ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވުން މިއަދު 30؛ 12 ގައި ރައީސް އޮފީހުގައި އޮންނާނެ އެވެ.
ވަޒީރުންގެ މަޖިލީހުން ހުސްވެފައިވާ ދެ މަގާމަށް، ވަރަށް އަވަހަށް ބޭފުޅުން އިސްކުރައްވާނެ ކަމަށް ރައީސް އޮފީހުން މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފަ އެވެ. އެއީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި ޖަސްޓިސް މިނިސްޓްރީ އެވެ.
ފަތުހުﷲ ޖަމީލް، އަބްދުﷲ ހަމީދު، އުމަރު ޒާހިރު ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ