ތިން ތަށި ހޯދާ ވާހަކަ އަދި ބާސާއަށް ދެއްކޭކަށް ނެތް

ސީޒަންގެ ތިން ތަށި ހޯދާ ވާހަކަ މިވަގުތު އޭނާއަށް ދެއްކެން ނެތް ކަމަށް، އެފްސީ ބާސެލޯނާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ ބުނެފި އެވެ.
ސްޕެނިޝް ކަޕުގައި އެ ދެ ޓީމު ކުޅުނު މެޗަށް އެއް ހަފުތާ ނުވަނީސް އަނެއްކާވެސް ރެއާލް މެޑްރިޑާ ދެކޮޅަށް، މިރޭ ސްޕެނިޝް ލީގްގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން، ވަލްވެރުޑޭ ބުނީ، ބާސާއަށް ތިން ތަށި ހޯދާ ވާހަކަ ދެއްކޭނީ، ދެ ތަށި ހޯދުމަށް ފަހުގައި ކަމަށެވެ.
"މި ސީޒަންގައި އަހަރެމެންނަށް އަދި އެންމެ ތައްޓެއްވެސް ނުލިބޭ،" ސީޒަންގެ ތިން ތަށި ހޯދުމާ ބެހޭގޮތުން ސުވާލު ކުރުމުން ވަލްވެރުޑޭ ޖަވާބު ދިނެވެ. "ތައްޓެއްގައި އަތް ލަންޏާ އަދި ވަރަށް ދުވަސް އެބައޮތް، ތިން ތަށި ހޯދާ ވާހަކަ ބަޔަކަށް ދެއްކޭނީ އެބަޔަކަށް ދެ ތަށި ލިބުމަށް ފަހުގައި، މިވަގުތު އަހަރުމެން އަތުގައި އެންމެ ތައްޓެއްވެސް ނެތް."
ބުދަ ދުވަހުގެ ރޭ ބާސާއިން ވަނީ، ސެންތިއާގޯ ބެރުނަބޭއު ގައި 3-0 ން ބާސާ ބަލިކޮށްފަ އެވެ. ސްޕެނިޝް ލީގްގެ ސެމީި ފައިނަލަށް ފަހު، މިރޭ ހަމަ އެ ދަނޑުގައި މިއޮތީ ސްޕެނިޝް ލީގުގައި އެ ދެ ޓީމު ކުޅޭ މެޗެވެ. މިރޭގެ މެޗުން މޮޅުވެގެން ބާސާއަށް ލީގް ހޯދުމުގެ ރޭހުގައި ވަރަށް ކުރިއަށް ޖެހި ލެވޭނެ އެވެ. ވަލްވެރުޑޭ ބުނީ އޭނާގެ ޓާގެޓަކީ އެވަގުތު އޮންނަ މެޗަކުން މޮޅުވުން ކަމަށެވެ. ލީގާ މެދު ވިސްނަނަށް އަދި ވަރަށް ދުވަސް އެބައޮތް ކަމަށެވެ.
ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ބާސާއަށް 3-0 ން މޮޅު ވެވުނަސް، އެ ޓީމުގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ނުފެންނަ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދެއްކި އެވެ. އެ ޓީމުން ގޯލާ އަމާޒު ކުރީ ތިން ހަމަލާ އެވެ. އެ ތިން ހަމަލާ ރެއާލްގެ ގޯލަށް ވަނެވެ އެވެ.
"އެ މެޗުގައި އަހަރެމެންނަށް އެންމެ ރަނގަޅަށް ނުކުޅެވޭ ބުންޏަސް އަހަރެން އެކަމާ ނުވިސްނަން،" އެތުލެޓިކް ކުލަބު ބިލްބާއޯގެ ކުރީގެ ކޯޗް ބުންޏެވެ. "25 ހަމަލާ އުފެއްދިފައި ލަނޑު ނުޖެހޭނަމަ އެއީވެސް މައްސަލައެއް، އަދި ހަމަލާ އުފައްދަން ތިން ފުރުސަތު ލިބުމަކީވެސް މައްސަލައެއް."
އަހަރެމެން ޖެހޭނެ އަބަދުވެސް އިތުރަށް ކުރިއަރަން، އެންމެންގެ ހިޔާލަށްވެސް އަހަރެމެން އިހުތިރާމް ކުރަން."
ރެއާލްގެ ދަނޑުގައި، މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12:45 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ