ޔާމީން މިނިވަން ކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ރައީސްއާ ބައްދަލުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ބަންދުން މިނިވަން ކޮށްދިނުމަށްއެދި އިދިކޮޅު ކޯލިޝަން ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް ސޯލިހާއި ބައްދަލު ކުރެއްވުމަށް މިއަދު މެންދުރުފަހު 14:30ގައި ރައީސް އޮފީހަށް ވަޑައިގެންނެވީ ޕީޕީއެމާއި ޕީއެންސީގެ އިސްވެރިންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޔާމީން ސަރުކާރުގެ މިނިސްޓަރުން ހިމެނެ އެވެ.
ރައީސް އޮފީހުން ނުކުމެވަޑައިގެން، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ސޯލިހާ މަޝްވަރާ ކުރެއްވީ ރައީސް ޔާމީން ހައްޔަރުކުރި މައްސަލާގައި ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ރައީސް ސޯލިހާ ބައްދަލު ކުރަން އިދިކޮޅު ފަރާތްތަކުން އެދުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން، ޔާމީން ހުންނެވީ އެމަނިފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ޖަލުގަ އެވެ. ޔާމީން ޖަލުގައި ބެހެއްޓުމަށް އަމުރު ކުރީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އެ މައްސަލާގައި އެމަނިކުފާނު ހެކީންނަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ހުށަހަޅަމުންދާކަމުގެ ހެއްކާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނުގެ އަމިއްލަ ބޭންކު އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، މަނީ ލޯންޑަކުރުމުގެ ތުހުމަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ